ދުނިޔެ
އެމެރިކާއާއި އީރާނުގެ މަޝްވަރާތަކުގެ އުންމީދާއެކު އޭޝިއާގެ ހިއްސާގެ ބާޒާރު އުފުލި، ތެލުގެ އަގު ދަށަށް ހިނގައްޖެ
ހިއްސާގެ ބާޒާރު ދައްކުވައިދޭ ބޯޑެއެް
އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކެއް ފެށިދާނެކަމުގެ އުންމީދު އާވުމާ ގުޅިގެން، އޭޝިއާގެ މައިގަނޑު ހިއްސާގެ ބާޒާރުތަކުގެ އަގުތައް މައްޗަށް ގޮސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެއެވެ.
މި ބަދަލު އައިސްފައިވަނީ އީރާނުގެ އޮފިޝަލުން އެމެރިކާގެ ސަރުކާރާ ގުޅައި، އެއްބަސްވުމަކަށް އައުމަށް ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، "އަނެއް ފަރާތުން އަޅުގަނޑުމެންނަށް ގުޅައިފި. އަދި އެމީހުން ވަރަށް ބޮޑަށް ބޭނުންވޭ އެއްބަސްވުމަކަށް އަންނަން،" ކަމަށެވެ. މި ޚަބަރާއެކު އަންގާރަ ދުވަހު ޖަޕާނުގެ ނިކޭ 225 އިންޑެކްސް 2.5 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވަނީ 3.7 އިންސައްތަ އުފުލިފައެވެ. މީގެ އިތުރުން ސިންގަޕޫރު، ހޮންކޮންގް އަދި ޝަންހާއީގެ ބާޒާރުތަކުން ވެސް ކުރިއެރުން ވަނީ ފެނިފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަލާއިރު، ބްރެންޓް ކުރޫޑްގެ އަގު 1.5 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު 98 ޑޮލަރަށް ވުރެ ދަށަށް ވަނީ ވެއްޓިފައެވެ. މިއީ އީރާނުގެ ބަނދަރުތައް ބަންދުކުރާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާ ދަނޑިވަޅެއްގައި އައި ބަދަލެކެވެ. މީގެ ކުރިން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވުމާ ގުޅިގެން ތެލުގެ އަގު 103 ޑޮލަރަށް ވުރެ މައްޗަށް އަރައިގެން ދިޔައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ފަހުން ތަފްސީލްކޮށްދިން ގޮތުގައި، ބަނދަރުތައް ބަންދުކުރުމުގެ ފިޔަވަޅު އެޅޭނީ ހަމައެކަނި އީރާނުގެ ބަނދަރުތަކަށް ވަދެ ނިކުންނަ އުޅަނދުފަހަރަށެވެ. މިއީ މުޅި ކަނޑުއޮޅި ބަންދުކުރާނެ ކަމަށް ކުރިން ދިން އިންޒާރަށް ވުރެ ލުއި ފިޔަވަޅެކެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ އީރާނުން ވަނީ އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ހުއްޓުވާފައެވެ.
މެރިޓައިމް އިންޓެލިޖެންސް ފޯރުކޮށްދޭ ވިންޑްވޯޑްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ ކުރިން ދުވާލަކު 130 އުޅަނދު އެ ކަނޑުއޮޅި ހުރަސްކުރާއިރު، މިދިޔަ އާދީއްތަ ދުވަހު އެ ސަރަހައްދުން ދަތުރުކޮށްފައިވަނީ އެންމެ 21 އުޅަނދެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.