ޚަބަރު
ލީޑަރަކަށް ވުމުގެ ފެށުމަކީ އަމިއްލަ ނަފްސެވެ: ލާނިންގ ޓު ބީ އޮން މައި އޯން ސައިޑް" – މި މައުޟޫޢުގެ ފަހަތުގައިވާ އަސްލު ވާހަކަ
އާޒަރަތު ރަޝީދު (އާޒާ) ގެ ފުރަތަމަ ފޮތް "ލަރނިންގ ޓުބީ އޮން މައި އޯން ސައިޑް" ރަސްމީކޮށް ނެރެދެއްވުން ފޮޓޯ: ޕީކޮމާ
ރާއްޖޭގެ ތެލާއި ގޭހުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވާ ވިވްކޯ އެނަރޖީ ސޮލިއުޝަންސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީ.އޯ.އޯ) އަޒާރަތު ރަޝީދު (އަޒާ) ގެ ފުރަތަމަ ފޮތް "ލަރނިންގ ޓުބީ އޮން މައި އޯން ސައިޑް" ރަސްމީކޮށް ނެރެ، ނޭޝަނަލް ލައިބްރަރީއާ ހަވާލުކޮށްފިއެވެ. ގައުމީ ކުތުބުޚާނާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ސީޕްރިއާ ގުރޫޕްގެ ޗެއަރމަން އަބްދުﷲ ސައީދެވެ. މިއީ އަޒާގެ ލިޔުންތެރިކަމުގެ ހުވަފެން ހަގީގަތަކަށް ވެގެންދިޔަ ތާރީޚީ ދުވަހެކެވެ.
2025 ވަނަ އަހަރު އަޒާއަށް އޭނާގެ ދިރިއުޅުމާއި މަސައްކަތްތެރިކަން ހުއްޓުން އަރާފައިވާ ކަމުގެ އިހުސާސް ކުރެވެންފެށިއެވެ. އެ ދަނޑިވަޅުގައި ލިބުނު ޓެކްސްޓް މެސެޖެއްގެ އަލީގައި "ޑިއުޑްރޮޕް ލީޑަރޝިޕް ސަރޓިފައިޑް ކޯޗް" ޕްރޮގުރާމުގައި ބައިވެރިވެ ދިރއުޅުމާއި ދޭތެރޭ "އިތުރު ލެންސް" އަކުން ހޯދާ ބަލަން ފެށިއެވެ. 6 މަސް ދުވަސް ވަންދެން ކޮންމެ ހަފުތާއަކު ކުލާހަށް ހާޟިރުވެ އަމިއްލަ ދިރިއުޅުމާއި ދޭތެރޭ ވިސްނާ، ރަނގަޅުކޮށްލަންޖެހޭ ކަންތައްތައް ހޯދާ އެ އަށް އަމަލުކުރަން ފެށިއެވެ.
އަދި ކޯޗެއްގެ ހައިސިއްޔަތުން ވިސްނާ ފިކުރުކުރަންޖެހޭ ކަންތައް ދަސްކުރުމަށް ގިނަ ފޮތްތަކެއް ކިޔާ، ލިބޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުން ތަރައްޤީކުރަމުން ދިޔައެވެ. ކުރީގައި ވިސްނާނުލާ ދޫކުރެވިފައިވާ ވަރަށް ގިނަ ކަންތައް ތަކަކަށް އިތުރު ސަމާލުކަމެއް ދީގެން ރަނގަޅު ކުރަން ފެށިއެވެ. އަދި އަމިއްލަ ނަފުސު އިސްކޮށް ހިތްހަމަޖެހޭ އުފާވެރި މީހަކަށް ވުމުގެ ބުރަ މަސައްކަތްތަކެއް ވޭތުވެދިޔަ 10 ވަރަކަށް މަސްދުވަހު ކުރިއަށް ގެންގޮސް މިއަދު މިވަނީ "ޑިއުޑްރޮޕް ލީޑަރޝިޕް ކޯޗް، ސްޕީކަރ އަދި ޓްރެއިނަރ" ގެ ލަޤަބު ހޯދާފައެވެ.
ކޯޗިންގ ސަޓިފިކޭޝަން ޕްރޮގްރާމްގެ ތެރެއިން އަޒާއަށް ދަސްވި އެންމެ މުހިއްމު އެއް ފިލާވަޅަކީ، ލީޑަރަކަށްވުމުގެ އަސްލު ފެށުމަކީ އަމިއްލަ ނަފުސުކަމަށެވެ. އެހެންކަމުން އަޒާގެ ފޮތް "ލާނިންގ ޓު ބީ އޮން މައި އޯން ސައިޑް" ބިނާ ވެގެން މިދަނީ އަމިއްލަ ނަފުސަށް އިތުރަށް ސަމާލުކަން ދިނުމަށެވެ.
އަޒާގެ މި ފޮތަކީ އޭނާގެ ހަޔާތުގައި ދިމާވި ތަފާތު ތަޖުރިބާތަކާއި ވަޒީފާގެ މާހައުލުގައި މަގާމުގެ ގޮތުން މީގެ ކުރިން ހިއްސާނުކުރެވި ހުރި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެކެވެ. މީގެ އިތުރުން އަމިއްލަ ނަފުސަށް ލޯބިވާން ދަސްކުރި ގޮތާއި، އިތުބާރާއެކު ހިތްވަރު ހޯދި ގޮތް މި ފޮތުގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ. މި ފޮތުގެ މައިގަނޑު މަގުސަދަކީ ކިޔުންތެރިންނަށް އަމިއްލަ ނަފުސަށް އަޅާލުމާއި ލޯބިދިނުމުގެ މުހިންމުކަން އަންގައިދިނުމެވެ.
ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޒާ ވިދާޅުވީ، އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ކޮންމެ ކަމަކަށް "އާނއެކޭ" ބުނުމުގެ އާދަ ކަމަށެވެ.
ކަމެއް ހަވާލުކުރުމުން އަބަދަވެސް ބުނީ، އާނއެކޭ، އޭގެ ފަހުން އެކަމަށް ކުރާނެ ގޮތް އަޅުގަނޑު ދަސްކުރީ. މި ގޮތަށް އާނއެކޭ ބުނެ ކުރެވުނު މަސައްކަތުގެ ސަބަބުން މިހިސާބަށް އާދެވުނީ
އަޒާ
މި ހަފުލާގައި އަޒާ މަސައްކަތްކުރައްވާ ވިވްކޯ ކުންފުނީގެ ގިނަ އަދަދެއްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަޒާގެ މަސައްކަތުގެ ދަތުރު ފެށުނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވީ ނަމަވެސް، ޒުވާން އުމުރުގައި ތެލާއި ގޭހުގެ ދާއިރާއަށް ބަދަލުވެ، އެޑްމިނިސްޓްރޭޝަނާއި ހިއުމަން ރިސޯސަސް ދާއިރާއިން ފެށި ދަތުރުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ހިތްވަރެއް ދައްކުވައިދީފައެވެ.
ކުންފުނީގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރަމުން އަޒާ ވިދާޅުވީ، މިއީ ވަރަށް މަދު ބަޔަކަށް ނޫނީ ނުލިބޭނެ ފަދަ ނިއުމަތެއް ކަމަށެވެ. އަޒާގެ މި ފޮތަކީ ކިޔުންތެރިންނަށް، ޚާއްސަކޮށް އަންހެން ކަނބަލުންނަށް ހިތްވަރުދޭނެ ވަރުގަދަ މެސެޖުތަކެއް އެކުލެވިގެންވާ ފޮތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.