ޚަބަރު
ވޯލްޑް ކަޕަށް ކޮލިފައި ނުވެ ހޭދަވަމުންދާ ދިގު މުއްދަތު ނިމުމަކަށް ގެނައުމަށް މިރޭ އިޓަލީ މޮޅުވާންޖެހޭ
އިޓަލީގެ ކޯޗު ޖެނާރޫ ގަޓޫސޯ---
ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އަދި މުޅި ދުނިޔެ އެ މުބާރާތަކަށްޓަކާ އިންތިޒާރުކުރާ، ފީފާ ވޯލްޑް ކަޕަށް ކޮލިފައި ނުވެ ހޭދަވަމުންދާ ދިގު މުއްދަތު ނިމުމަކަށް ގެނައުމަށް މިރޭ ޕްލޭއޮފް ބުރުގެ ސެމީފައިނަލު ކާމިޔާބުކުރުން އިޓަލީއަށް ވަރަށް މުހިންމެވެ.
ފާއިތުވެދިޔަ ދެ އަހަރު ވެސް ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވާ އިޓަލީ މިރޭގެ މެޗުން މޮޅުނުވެއްޖެނަމަ، މިއީ އެ ޤައުމު ވޯލްޑް ކަޕަށް ކޮލިފައިނުވެ ހިނގާނެ އެންމެ ދިގު މުއްދަތު ކަމުގައި ވާނެއެވެ.
މިރޭ އިޓަލީގައި ރާއްޖެ ގަޑިން މެންދަމު 12:45ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި އިޓަލީއިން ނިކުންނާނީ ނޯދަން އަޔަލޭންޑާ ދެކޮޅަށެވެ.
މި މެޗަކީ އިޓަލީގެ ފުޓުބޯޅައަށް މުހިންމު މެޗެއްކަން، ޓީމުގެ ކޯޗު، ޖެނާރޫ ގަޓޫސޯގެ ބަސްތަކުން ކަށަވަރުވެއެވެ. 2006ވަނަ އަހަރު އިޓަލީއިން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއްދައްކާފައިވާ ގަޓޫސޯ ބުނީ، މިއީ އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު މެޗު ކަމަށެވެ.
ބޮޑު ޕްރެޝަރެއް އޮތް ނަމަވެސް ގަޓޫސޯ ބުނީ، އޭނާ ވިސްނަނީ ކަންކަން ރަނގަޅަށް ގޮސް ވޯލްޑް ކަޕުން ފުރުސަތު ލިބޭނެކަމަށް ކަމަށެވެ.
"އެއްގޮތަކަށް ވެސް ނުވިސްނަން ކަންކަން ގޯސްކޮށް ހިނގައިދާނެ ކަމަކަށް. އަހަރެން ބޭނުންވީ ޕޮޒިޓިވްކޮށް ވިސްނަން. މި މެޗުގައި އަހަރެމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތްކުރާނަން."
ގަޓޫސޯ ބުންޏެވެ.
ގަޓޫސޯ އިތުރަށް ބުނީ، މިރޭގެ މެޗު ސެން ސީރޯގައި ނުކުޅެ، އެޓަލާންޓާގެ ދަނޑުގައި ކުޅެން ނިންމީ، ސެން ސީރޯގައި ކުޅެފިނަމަ ދަނޑަށް ގިނައިން ވަންނާނީ އޭސީ މިލާން އާއި އިންޓަރ މިލާންގެ ސަޕޯޓަރުންކަމަށްވެފައި، އެ މީހުންނަކީ ކުޅުންތެރިއަކަށް ކުޑަ ގޯހެއް ހެދުނަސް ފާޑު ކިޔުން ބޮޑުވާނެތީ ކަމަށެވެ. ނަމަވެސް އެޓަލަންޓާ ސްޓޭޑިއަމުން ކުޅުންތެރިންނަށް ރަނގަޅަށް އެއްބާރުލުން ދޭނެކަމަށް އޭނާ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ގަޓޫސޯއަށް އޮތް ހިތްހަމަޖެހުމަކީ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އާއި މިޑްފީލްޑަރު ސަންދްރޯ ޓޮނާލީ ފިޓްވެފައިވުމެވެ.
އިޓަލީ ޕްލޭއޮފުގައި ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕުގެ ދެ ވަނައަށް ދިއުމުންނެވެ. އެ ގްރޫޕުގެ އެއްވަނަ ހޯދައި ވޯލްޑް ކަޕުން ޖާގަ ހޯދީ ނޯވޭއެވެ.
ނޮދާން އަޔަލެންޑް އާއި ދެކޮޅަށް އިޓަލީ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ކޮލިފައިންގެ ޕްލޭއޮފް ފައިނަލުގައި އެ ޓީމު ވާދަކުރާނީ ވޭލްސް އާއި ބޮސްނިއާ ހޭޒްގޮވީނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އަދި އެ މެޗުން މޮޅުވާ ޓީމަކަށް ވޯލްޑްކަޕްގެ ޖާގައެއް ލިބިގެންދާނެއެވެ. ކޮލިފައިންގެ ޕްލޭއޮފް ފައިނަލް މެޗު އޮންނާނީ މާޗު 31 ވަނަ ދުވަހުއެވެ.