ޚަބަރު
19 އަތޮޅެއްގައި ޖުމްލަ 19 ޕަބްލިކް ވަރކް ޔުނިޓްސް ގާއިމްކުރުމަށް ހަމަޖެހިފައިވޭ: ވަޒީރު
ވަޒީރު އާދަމް ޝަރީފް އުމަރް
ރާއްޖޭގެ 19 އަތޮޅެއްގައި ޖުމްލަ 19 ޕަބްލިކް ވަރކްސް ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން ކުރިއަށްދާކަމަށް އިދާރީދާއިރާތަކުގެ ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން އަތޮޅުތަކުގެ އެކި ރަށްރަށުގައި މި ޔުނިޓްތައް ގާއިމުކޮށް، ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.
ޔުނިޓްތައް ގާއިމުކުރާ ރަށްތައް
ޕަބްލިކް ވަރކްސް ޔުނިޓްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ގަން އަދި ގއ. ވިލިނގިލި ހިމެނެއެވެ.
މުވައްޒަފުން ހޯދުމާއި އިދާރީ އިންތިޒާމްތައް
މި ޔުނިޓްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެގޮތުން 19 ޕަބްލިކް ވަރކްސް ޔުނިޓަށް 456 މުވައްޒަފުން އަދި 4 މޯބައިލް ޔުނިޓަށް 60 މުވައްޒަފުންނާއެކު ޖުމްލަ 516 މުވައްޒަފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 141 މަޤާމެއް މިހާތަނަށް އެޕްރޫވްވެފައިވާއިރު، ހއ. ދިއްދޫ، ނ. މަނަދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، ތ. ވޭމަންޑޫ އަދި ގއ. ވިލިނގިލީގެ ޔުނިޓްތަކަށް ބޭނުންވާ ގިނަ މަޤާމުތަކެއް ފިނޭންސް މިނިސްޓްރީން ވަނީ އެޕްރޫވްކޮށްފައެވެ.
އިދާރީ ސެޓަޕް ގާއިމުކުރުމުގެ ގޮތުން އޮފީސް އިމާރާތާއި ގަރާޖު ފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓު މިހާރު ވަނީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައެވެ. އަދި މިކަމަށް ބޭނުންވާ ބިންތައް ރަށްރަށުން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ.
މެޝިނަރީޒް ހޯދުމަށް ބޮޑު ހޭދައެއް
މި މަޝްރޫޢުގެ ދަށުން ޔުނިޓްތަކަށް ބޭނުންވާ ބަރު މެޝިނަރީޒް ހޯދުމަށް ޖުމްލަ 9،130،173.36 ޔޫ.އެސް ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކުރެވެއެވެ. މީގެ ތެރޭގައި އެކްސްކަވޭޓަރ، ލޯޑަރ، ގްރޭޑަރ، ކޮމްޕެކްޓަރ، ޑަމްޕްލޮރީ، ކޮމްޕްރެސަރ އަދި ވެލްޑިންގ ޕްލާންޓް ފަދަ ތަކެތި ހިމެނެއެވެ.
މީގެ އިތުރުން ބަނދަރު މަރާމާތުކުރުމަށާއި މަގުތައް މަރާމާތުކުރުމަށް ޚާއްޞަ މޯބައިލް ޔުނިޓްތަކެއްވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޔުނިޓްތަކަށް ބޭނުންވާ މެޝިނަރީޒްގެ ތެރޭގައި ޖެނެރޭޓަރާއި އިތުރު ޓެކްނިކަލް ސާމާނުތައް ހިމެނޭނެއެވެ. މި ޔުނިޓްތައް ގާއިމުވުމުން އަތޮޅުތެރޭގެ ރަށްރަށުގެ މަރާމާތުގެ މަސައްކަތްތައް އަވަސްވެ، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދެވޭނެ ކަމަށް ބެލެވެއެވެ.