ދުނިޔެ

ޓްރަމްޕްގެ ވާހަކަތައް އީރާނުން ދޮގުކޮށް އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް ބުނެފި

ޓްރަމްޕްގެ ވާހަކަތައް އީރާނުން ދޮގުކޮށް އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް ބުނެފި

މެދުއިރުމަތީގެ ހަމަނުޖެހުންތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 މާރިޗު 2026، 11:36

24 މާރިޗު 2026، 11:36

އީރާނުން އެމެރިކާއާއެކު ވަރަށް ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާތަކެއް ކުރެވުނު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވާހަކަތައް އީރާނުގެ އިސް އޮފިޝަލުން ދޮގުކުރައްވައިފިއެވެ.

 އީރާނުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއެކު އެއްވެސް ސީދާ މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދެވޭ" ކަމަށެވެ. އަދި މިފަދަ ދޮގު ޚަބަރުތައް ފަތުރަނީ މާލީ ބާޒާރުތަކާއި ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާއާއި އިސްރާއީލު ތާށިވެފައިވާ މަޅިން ސަލާމަތްވުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރުމަށް އެމެރިކާއިން އެދޭކަމުގެ މެސެޖުތައް ބައެއް އެކުވެރި ގައުމުތަކުގެ ފަރާތުން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއާއެކު އެއްވެސް ސީދާ ވާހަކަތަކެއް ދެކެވިފައި ނުވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

މި ދޮގުކުރުންތައް އައިސްފައިވަނީ، އީރާނުގެ "މަތީ ފަންތީގެ ބޭފުޅަކާ" އާދީއްތަ ދުވަހު ވާހަކަދެކެވުނު ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން އެއްބަސްވުމަކަށް އަންނަން ވަރަށް ބޭނުންވާ ކަމަށާއި، އެހެންކަމުން އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭން ނިންމާފައިވާ ހަމަލާތައް ފަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް ޕެންޓަގަންއަށް އަންގާފައިވާ ކަމަށެވެ.

"އެމީހުން ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން. އަހަރެމެންވެސް ބޭނުންވަނީ އެގޮތް. މި ފަސް ދުވަހުގެ ތެރޭގައި ކަންތައްތައް ދާގޮތެއް ބަލާނަން،" ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ. ނަމަވެސް މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ އަލުން ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަތަރު ހަފުތާ ވެފައިވާއިރު، އިސްރާއީލުން ވަނީ ހޯމަ ދުވަހުވެސް ތެހެރާނަށް އާ ހަމަލާތަކެއް ދީފައެވެ. އަނެއްކޮޅުން އީރާނުން ވަނީ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށް، މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، އޭނާ ޓްރަމްޕާ ވާހަކަދެއްކެވި ކަމަށާއި، މި ހަނގުރާމައިގެ ބޭނުން ހިފައިގެން އީރާނާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމަކަށް އާދެވުނަސް އިސްރާއީލުގެ މަސްލަހަތުތައް ހިމާޔަތްކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450