ދުނިޔެ

އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދީފިނަމަ ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދީފިނަމަ ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގެ މަގެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 މާރިޗު 2026، 01:18

23 މާރިޗު 2026، 01:18

އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އެމެރިކާ ނުވަތަ އިސްރާއީލުން ހަމަލާދީފިނަމަ، މުޅި މެދުއިރުމަތީގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީ އެ ތަންތަން އަނބުރާ އިއާދަނުކުރެވޭ ވަރަށް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

މި އިންޒާރު ދީފައިވަނީ އީރާނުން ބަންދުކޮށްފައިވާ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާނުލައިފިނަމަ އެ ގައުމުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދޭ ވަގުތުން ފެށިގެން މުޅި ސަރަހައްދުގެ ހަކަތައާއި ތެލުގެ ވަސީލަތްތަކަކީ އީރާނުން ހަމަލާދޭނެ ޝަރުއީ އަމާޒުތަކެއް ކަމަށް ބަލާނެ ކަމަށެވެ. އަދި މިފަދަ ހަމަލާއެއްގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ދިގު މުއްދަތަކަށް އުފުލިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ހޯރްމޫޒް ކަނޑުއޮޅި ހުޅުވާނުލައިފިނަމަ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތައް ފުނޑުފުނޑުކޮށްލާނެ ކަމަށެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން 1970 ގެ އަހަރުތަކަށްފަހު ދުނިޔެ ދުށް އެންމެ ބޮޑު ތެލުގެ ކްރައިސިސް ވަނީ ކުރިމަތިވެފައެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، އެ ކަނޑުއޮޅިއަކީ އީރާނުގެ އިސްތިގުލާލަށް އަރައިގަންނަ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ފަރާތްތަކަށް ހުޅުވިފައިވާ ތަނެއް ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވެސް ވަނީ ކަނޑުއޮޅި ބަންދުނޫން ކަމަށް ވިދާޅުވެ، އުޅަނދުފަހަރު ދަތުރުކުރަން ޖެހިލުންވަނީ އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައިގެ ސަބަބުން އިންޝުއަރެންސް ކުންފުނިތަކުން ބިރުގަންނާތީ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ އެމެރިކާގެ ހިއްސާ އޮންނަ ކުންފުނިތައް އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގައުމުތަކުގެ ހަކަތައިގެ ވަސީލަތްތަކަކީ ވެސް ހަމަލާދޭނެ އަމާޒުތަކެއް ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ މި ހަނގުރާމައަށް ހަތަރު ހަފުތާ ވެފައިވާއިރު، އީރާނުން މިހާރުވެސް ދަނީ އިސްރާއީލާއި، އުރުދުން، އިރާގު އަދި ގަލްފުގެ ބައެއް ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށް އީރާނުން ބުނާއިރު، މި ހަމަލާތަކުގެ ސަބަބުން މީހުން މަރުވެ، އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައިނަލްއަގުވާމީ މާކެޓްތަކަށާއި ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450