ޚަބަރު
މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްޤީކުރުމަށް 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ 3 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާ ދެމެދު އެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީކުރުމާއި، ގދ. ތިނަދޫގައި މިފްކޯ އިން ކުރިއަށްގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް ފުޅާކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ޤާބިލްކަން ފުޅާކުރުމުގެ އިތުރުން، ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ޤާއިމުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ސީ.އެމް.އީ.ސީ އާއި މިފްކޯއާއި ދެމެދު ސޮއިކުރި މި 3 އެއްބަސްވުމާއި ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.
ރާއްޖޭގައި އެންމެ ބޮޑު ނަފާއެއް ހޯދައި، އަދި ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބަރޯސާވާ އެއް ސިނާޢަތަކީ މަސްވެރިކަމުގެ ސިނާޢަތްކަމަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.