ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން ޓްރަމްޕް 48 ގަޑިއިރުގެ މުހުލަތެއް ދެއްވައި، އީރާނުގެ އިންޒާރު ދީފި

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން ޓްރަމްޕް 48 ގަޑިއިރުގެ މުހުލަތެއް ދެއްވައި، އީރާނުގެ އިންޒާރު ދީފި

ޑޮނަލްޑް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 މާރިޗު 2026، 02:14

22 މާރިޗު 2026، 02:14

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަތަރު ހަފުތާ ވެފައިވަނިކޮށް، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ގާއިމުނުކޮށްފިނަމަ އީރާނުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ފްލޮރިޑާގައި ހުންނަވައިގެން ޓްރޫތު ސޯޝަލް މެދުވެރިކޮށް ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އީރާނުން އެއްވެސް ބިރުދެއްކުމެއް ނެތި ހޮރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާނުލައިފިނަމަ، އެމެރިކާއިން އެގައުމުގެ އިންޖީނުގެތައް ފުނޑުފުނޑުކޮށްލާނެ" ކަމަށެވެ. އަދި މި ހަމަލާތައް ފަށާނީ އީރާނުގެ އެންމެ ބޮޑު އިންޖީނުގެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން އިންޖީނުގެއެއް ކަމެއް ޓްރަމްޕް ހާމައެއް ނުކުރައްވައެވެ.

ޓްރަމްޕްގެ މި އިންޒާރާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ވަނީ ރައްދު ދީފައެވެ. އީރާނުން ބުނެފައިވަނީ އެގައުމުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާއަށް ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ހިއްސާގެ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ހަނގުރާމަ ފެށުނު ފަހުން ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އީރާނުން ބުނަމުންދަނީ އެމެރިކާ އާއި އެގައުމުގެ ބައިވެރިން ފިޔަވައި އެހެން ހުރިހާ ގައުމުތަކަށް ކަނޑުއޮޅި ހުޅުވާލެވިފައިވާ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ ބައެއް ގައުމުތަކުން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ހުއްދައަށް އެދެމުންދާ ކަމަށާއި، އެކަމުގައި ގޮތް ނިންމާނީ އަސްކަރިއްޔާއިން ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ އެޑްމިރަލް ބްރެޑް ކޫޕަރ ހާމަކުރެއްވި ގޮތުގައި، އީރާނުން އުޅަނދުފަހަރަށް ހަމަލާދިނުމަށް ބޭނުންކުރާ ގިނަ ވަސީލަތްތަކެއް މި ހަފުތާގައި އެމެރިކާއިން ދިން ހަމަލާތަކުގައި ވަނީ ނައްތާލާފައެވެ. އޭގެ ތެރޭގައި މިސައިލް ރާޑަރުތަކާއި އައްސޭރިފަށުގައި ހުރި މިސައިލް ރައްކާކުރާ ތަންތަން ހިމެނެއެވެ.

މި މަސްރަހު އިތުރަށް ގޯސްވެފައި މިވަނީ، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ނިންމާލުމާ ގާތްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިތާ އެންމެ ދުވަހެއް ފަހުންނެވެ. އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ދަނިކޮށް، ފެބްރުއަރީ 28 ގައި ފެށި މި ހަނގުރާމައިގެ ސަބަބުން މުޅި ސަރަހައްދުގެ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450