ޚަބަރު
އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް ލިބޭނެ: ވަޒީރު ސަޢީދު
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު---
އެއްވެސް ދަތިކަމެއް ނެތި ދިވެހިރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް ލިބޭނެކަމުގެ ޔަޤީންކަން އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ޙިއްޞާ ކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮ ސަޕްލައި ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، މިކަމުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ވިސްނުންފުޅުގެ ދަށުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން ޙާލަތަށް އަންނަ ކޮންމެ ބަދަލެއް ވިލަރެސްކޮށް، އެކަމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރައްވަމުން ގެންދަވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިއާއެކު ރާއްޖޭގައި ހުރި ތެލުގެ ސްޓޮކު ވެސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އަންނަނީ ހުސްނުވެ ދަމަހައްޓަމުންކަން ވަނީ ހާމަކޮށްފައެވެ.
ތެލުގެ ސްޓޮކް ޔަޤީކްކުރުމަށްޓަކައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ތެޔޮ ގެނައުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުން ދަނީ ސަޕްލަޔަރުންނާއެކު ވެފައިވާ "ނޮމިނޭޝަން" އެރޭންޖުމެންޓުގެ ދަށުންނެވެ. އެގޮތުގެ މަތިން މި ހަފްތާގައި އެކަނިވެސް ތެލުގެ އައު ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާކަމަށް ވަޒީރު ވަނީ ވިދާޅިވެފައެވެ. އަދި ކުރިއަށް ގެންއުމަށް ރޭވިފައި ހުރި ޝިޕްމެންޓުތައް ވެސް ދުވަހަށް ލިބޭނެކަމަށް ވަޒީރު ވިދާޅުވެއެވެ.
އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުންނެވެ. މިގޮތުން މި ހަފުތާވެސް މިހާރުވަނީ ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެ ގެނެސްފައެވެ. ހަމަ އެފަދައިން އެސްޓީއޯއިން ސަޕްލަޔަރުންނާއިއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައެވެ.
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން ކުރަމުންގެންދާ މަސައްކަތާއެކު އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.