ދުނިޔެ
އެމެރިކާގެ ދެ ހަނގުރާމަމަތީ ބޯޓު މައްތަލަ އެއާޕޯޓަށް ޖެއްސުމަށް އެދުމުން ސްރީލަންކާއިން އެކަމަށް އިންކާރުކޮށްފި
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަ
މި މަހުގެ ކުރީކޮޅު އެމެރިކާގެ ދެ ހަނގުރާމަމަތީ ބޯޓެއް ސްރީލަންކާގެ މައްތަލަ އެއާޕޯޓަށް ޖެއްސުމަށް އެމެރިކާއިން ކުރި އިލްތިމާސަށް ސްރީލަންކާ ސަރުކާރުން އިންކާރުކޮށްފި ކަމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ސްރީލަންކާގެ ޕާލަމެންޓުގައި ވާހަކަދައްކަވަމުން ރައީސް ޑިސާނަޔަކަ ވިދާޅުވީ، މާރިޗު 4 އިން 8 އަށް މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ދެ ބޯޓު ޖެއްސުމުގެ ހުއްދައަށް އެމެރިކާއިން އެދުނީ ފެބްރުއަރީ 26 ވަނަ ދުވަހު ކަމަށެވެ.
ރައީސް ޑިސާނަޔަކަ ވިދާޅުވި ގޮތުގައި، އެމެރިކާއިން ބޭނުންވީ ޖިބޫޓީގައި ހުރި ބޭހަކުން އަށް އެންޓި-ޝިޕް މިސައިލް ހަރުކޮށްފައިވާ ދެ ހަނގުރާމަމަތީ ބޯޓު ލަންކާއަށް ގެނައުމަށެވެ. "އަޅުގަނޑުމެން އެ ހުއްދަ ނުދިނީ ސްރީލަންކާއަކީ ވަކި ފަރާތަކަށް ނުޖެހޭ ނިއުޓްރަލް ގައުމެއްގެ ގޮތުގައި ބޭއްވުމަށްޓަކައި،" މަޖިލިސް މެންބަރުންގެ އަތްތިލަބަޑީގެ އަޑާއެކު ރައީސް ވިދާޅުވިއެވެ. މި ހުއްދައަށް އެމެރިކާއިން އެދިފައިވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފެށުމުގެ ދެ ދުވަސް ކުރިންނެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ހަކަތައިގެ އަގުތައް އުފުލި، ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ހަނގުރާމައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ އެކުވެރި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅުއްވަމުންނެވެ.
އީރާނުގެ އެދުމަށްވެސް އިންކާރުކުރުން
ރައީސް ޑިސާނަޔަކަ ހާމަކުރެއްވި ގޮތުގައި، އެމެރިކާއިން ހުއްދައަށް އެދުނު ދުވަހު އީރާނުންވެސް ވަނީ އެ ގައުމުގެ ތިން މަނަވަރެއް ލަންކާއަށް ވަދެލުމުގެ ހުއްދައަށް އެދިފައެވެ. ނަމަވެސް، މަސްރަހު ގޯސްވަމުންދާތީ ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވިޔަ ނުދިނުމަށްޓަކައި ދެ ގައުމުގެ އެދުމަށްވެސް ސަރުކާރުން ވަނީ ނޫނެކޭ ބުނެފައެވެ. "އަޅުގަނޑުމެން އީރާނަށް އާނބަސް ބުނިނަމަ، އެމެރިކާއަށްވެސް އާނބަސް ބުނަން ޖެހުނީސް،" ރައީސް ވިދާޅުވިއެވެ.
މި މަހުގެ ކުރީކޮޅު ސްރީލަންކާގެ ކަނޑުގެ ސިފައިން ވަނީ އެމެރިކާގެ ސަބްމެރިންއަކުން ދިން ހަމަލާއެއްގައި ހަލާކުވި އީރާނުގެ 'އައިއާރުއައިއެސް ދޭނާ' މަނަވަރުން 32 ފަޅުވެރިން ސަލާމަތްކޮށްފައެވެ. އެ ހަމަލާގައި 84 މީހުން މަރުވިއެވެ. އޭގެ ފަހުން އީރާނުގެ ދެވަނަ އުޅަނދެއް ކަމަށްވާ 'އައިއާރުއައިއެސް ބުޝެހްރް' އިން އެހީތެރިކަމަށް އެދުމުން ލަންކާއިން ވަނީ 200 އަށްވުރެ ގިނަ ފަޅުވެރިން ސަލާމަތްކޮށްދީފައެވެ.