Ads by PNC

ޚަބަރު

އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު: ރައީސް

އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު: ރައީސް

ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް

21 މާރިޗު 2026، 12:39

އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ  ސުންނަތުން ފެންނާން ހުރި އިރުޝާދުތަކާއި ޢިބްރަތްތެރި ޙާދިސާތަކުގައި، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވެގެންދާ ކަމަށެވެ. އަދި އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރު ބަޔާން ވެގެންވާކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުންކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އަޅުގަނޑުމެން އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރު ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީ ވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސްދުވަހުގެ ތެރޭގައި މި އަމާޒަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ކަންކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައެވެ. އދ. އިން ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރުމަށް އިޚްތިޔާރުކޮށްފައިވަނީ، ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ހަށިގަނޑުގައި 21 ވަނަ ކްރޮމޯޒޯމްގެ 3 ކޮޕީ ހުންނާތީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450