ޚަބަރު
އަގު އެއްކުރި މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ހުނަރު 130 އަށްވުރެ ގިނަ މީހުންނަށް ދަސްކޮށްދީފި
މަސްވެރިން/ފޮޓޯ: ހުރިހާ އެމްވީ
އަގު އެއްކުރި މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ހުނަރު ރާއްޖޭގެ 130 އަށްވުރެ ގިނަ މީހުންނަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއިން ދަސްކޮށްދީފި އެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި ހުނަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އަންހެނުންނާއި ފިރިހެނުން ވެސް ހިމެނޭހެން ގިނަ ފަރާތްތަކަކަށް ދަސްކޮށްދެވިފައިވާ ކަމަށެވެ.
އަގު އެއްކުރި މަހުގެ ބާވަތްތަކަކީ ދަޅުގައާއި ޕޯޗްގައި އެކި ގޮތްގޮތަށް ބަންދުކޮށްފައި ހުންނަ މަހުގެ އުފެއްދުންތަކެވެ. އޭގެތެރޭގައި ދަޅުމަހާއި ހިކިމަހާއި، މަހުގެ އެކި ބައިތަކުން އުފައްދާ ތަފާތު ބާވަތްތައް ހުރި ނަމަވެސް ރާއްޖެއިން ޢާންމުގޮތެއްގައި މަސް ބޭރުކުރަނީ އަގު އެއްކުރި މަހުގެ އުފެއްދުންތަކުގެ ބަދަލުގައި ގަނޑުކުރި ރޯމަހުގެ ގޮތުގައެވެ. ރާއްޖެއިން މިހާރު އެކްސްޕޯޓްކުރާ މަހުގެ ބޮޑުބަޔަކީ ރޯމަސް ނަމަވެސް، ސަރުކާރުގެ އަމާޒަކީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބަޔަކީ އަގު އެއްކުރި މަހުގެ ގޮތުގައި އެކްސްޕޯޓްކުރުމެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ 5 ރަށެއްގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ހިންގާފައިވާ ކަމަށެވެ. އެ ރަށްރަށަކީ ހދ. ކުޅުދުއްފުށި ސިޓީ، ނ. ކުޑަފަރީ، ހއ. އިހަވަންދޫ، ފ. ނިލަންދޫ އަދި ޅ. ކުރެންދޫއެވެ. މި 5 ރަށުން މުޅި ޖުމްލަ 139 މީހަކަށް ތަމްރީން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 59 ފިރެހެނުންނާއި 80 އަންހެނުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ، ދިވެހި މަސްވެރިން ބާނާ މަސް އެހެން ޤައުމުތަކުގެ މަސް ކުންފުނިތަކުން ގަނެގެން، އަގު އެއްކުރި މަހުގެ އުފެއްދުންތައް ބާޒާރަށް ނެރެގެން ބޮޑު ފައިދާއެއް ނަގަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުން ބޭނުންވަނީ އެ ފައިދާ ދިވެހި މަސްވެރިންނަށް ލިބޭނެގޮތަކަށް މި ނިޒާމު ބަދަލުކުރަންކަމަށާއި، އެކަން ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް، މި ދާއިރާއިން އިންވެސްޓް ކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.