ޚަބަރު
ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢު ރައީސް ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ސަލްޓަންޕާކަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
20 މާރިޗު 2026، 06:51
20 މާރިޗު 2026، 06:51
ސަލްޓަން ޕާކު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
އެ މަނިކުފާނު ވަނީ ސަލްޓަން ޕާކަށް މިއަދު މެންދުރު ކުރެއްވި މި ޒިޔާރަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބެއްލެވުމުގެ ދަށުން ތަރައްޤީ ކުރައްވަމުންގެންދަވާ ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ އެކިއެކި ވަޞީލަތްތަކުގެ މަޢުލޫމާތު ސާފުކުރައްވައި، ޕާކު ތަރައްޤީ ކުރުމުގައި ޢަމަލީގޮތުން މިހާރު ކުރެވިފައިހުރި މަސައްކަތްތައް ވަޒަންކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސަލްޓަން ޕާކަށް ވަޑައިގެންނެވިއިރު އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދިޔަ "ޢީދު ހަވީރު 1447"ގެ ހަރަކާތްތަކުގެ މަޢުލޫމާތު ވެސް އޮޅުންފިލުއްވާފައެވެ.
ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްޤީ ކުރައްވައި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ އެކިއެކި ވަޞީލަތްތަކާއިއެކު ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާކު އަލުން ހުޅުވާލެއްވުމުގެ ގޮތުން އެ މަސައްކަތް ވަނީ ޤައުމީ ދިފާޢީ ބާރާއި ޙަވާލުކުރައްވާފައެވެ. ސަލްޓަން ޕާކު އަލުން ތަރައްޤީކުރެވިގެންދާއިރު ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒެއްވެސް ގާއިމުކުރެވިގެންދާނެއެވެ.