ދުނިޔެ

އީރާނުގެ ހަމަލާތަކަށް ކެތްކުރުމުގައި ހައްދެއް އޮންނާނެކަމަށް ސައުދީން އިންޒާރުދީފި

އީރާނުގެ ހަމަލާތަކަށް ކެތްކުރުމުގައި ހައްދެއް އޮންނާނެކަމަށް ސައުދީން އިންޒާރުދީފި

ސައުދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 މާރިޗު 2026، 02:56

20 މާރިޗު 2026، 02:56

ސައުދީ އަރަބިއްޔާއަށާއި އަވަށްޓެރި ގަލްފުގެ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތަކަށް ކެތްކުރުމުގައި ހައްދެއް އޮންނާނެކަމަށް ސައުދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު އިންޒާރު ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސް ފައިސަލް ވަނީ އީރާނުން އެ ގައުމުގެ ސްޓްރެޓެޖީ އަލުން މުރާޖައާ ކުރުމަށް ގޮވާލައްވާފައެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކަކީ ވަރުގަދަ އަސްކަރީ ގާބިލުކަމެއް ލިބިގެންވާ ގައުމުތަކެއް ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި އެ ގާބިލުކަމުގެ ބޭނުން ހިފާނެ ކަމަށެވެ. އީރާނުން ދެމުންދާ ހަމަލާތަކަކީ ވަރަށް ބޮޑަށް ރޭވިގެން ދެމުންދާ ހަމަލާތަކެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، "މި ހަމަލާތައް އަމާޒުކޮށްފައިވާ ސައްހަކަމަށް ބަލާއިރު، މިއީ ކުރިން ރޭވިގެން، އިންތިޒާމުވެގެން ދީފައިވާ ހަމަލާތަކެއްކަން އެނގޭ" ކަމަށެވެ.

ސައުދީން ދިފާއީ ފިޔަވަޅެއް އަޅާނީ ކޮން ހާލަތެއްގައި ކަން ހާމަކުރައްވަން އިންކާރު ކުރައްވަމުން ޕްރިންސް ފައިސަލް ވިދާޅުވީ، އީރާނަށް އެފަދަ ސިގްނަލެއް ދިނުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. ނަމަވެސް، އީރާނުގެ ހަމަލާތަކަށް ކެތްތެރިކަން އިސްކުރުމަކީ އިންތިހާއެއް ނެތް ކަމެއް ނޫން ކަމަށާއި، އެ ގައުމުން އަވަސް ފުރުސަތެއްގައި ހަމަލާތައް ހުއްޓާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންޒާރު އައިސްފައިވަނީ ސަރަހައްދީ ހަނގުރާމަ ފުޅާވަމުންދާ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އަރަބި އަދި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ސައުދީގެ ވެރިރަށް ރިޔާދުގައި ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. މިދިޔަ ބުދަ ދުވަހު އީރާނުން ވަނީ ގަތަރުގެ ރަސް ލައްފާން ގޭސް ފެސިލިޓީއަށާއި ޔޫއޭއީގެ ހަބްޝާން ގޭސް ފެސިލިޓީއަށް ހަމަލާދީފައެވެ. ގަތަރުގެ ޚާރިޖިއްޔާއިން ވަނީ ދުނިޔޭގެ އެލްއެންޖީ ސަޕްލައިގެ 20 އިންސައްތަ އުފައްދާ ރަސް ލައްފާން އަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ކުރިން ވަނީ، އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ގަތަރު، ސައުދީ އަދި ޔޫއޭއީގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. ސައުދީ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، ބުދަ ދުވަހު ރިޔާދަށް އަމާޒުކޮށް ފޮނުވާލި ހަތަރު ބެލިސްޓިކް މިސައިލަކާއި އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450