ދުނިޔެ
ޤަޠަރާއި އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން އޭޝިއާގެ ހިއްސާގެ ބާޒާރުތައް ދަށަށް
ޤަޠަރާއި އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން އޭޝިއާގެ ހިއްސާގެ ބާޒާރުތައް ދަށަށް ދިއުން
ޤަޠަރާއި، އީރާން އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގުދުރަތީ ގޭސް އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވި ލޮޅުންތަކާއެކު އޭޝިއާގެ ހިއްސާގެ ބާޒާރުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ޖަޕާނުގެ ނިކޭ 225 އަދި ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވަނީ ގާތްގަނޑަކަށް 3 އިންސައްތަ ދަށަށް ގޮސްފައެވެ. މި ހަމަލާތައް ދީފައިވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ގަލްފް ސަރަހައްދުން ތެލާއި ގޭސް ބޭރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި ހާލަތާ ގުޅިގެން ބްރެންޓް ކްރޫޑް ތެލުގެ އަގު 4 އިންސައްތައަށްވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު 112 ޑޮލަރަށް ވަނީ އަރާފައެވެ.
އޭޝިއާގެ ތިންވަނަ އަދި ފަސްވަނަ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޖަޕާނާއި ދެކުނު ކޮރެއާއަކީ އެ ގައުމުތަކަށް ބޭނުންވާ ހަކަތައިގެ 80 އާއި 90 އިންސައްތަ އިމްޕޯޓްކުރާ ދެ ގައުމެވެ. ޚާއްސަކޮށް ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އެންމެ ގިނައިން އެތެރެކުރާ ގައުމުތަކުގެ ތެރޭގައި މި ދެ ގައުމު ހިމެނޭއިރު، ޤަޠަރަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން އެލްއެންޖީ އެކްސްޕޯޓްކުރާ ގައުމެވެ.
ޕޮޓެން އެންޑް ޕާޓްނާސްގެ ބިޒްނަސް އިންޓެލިޖެންސްގެ އިސްވެރިޔާ ޖޭސަން ފީރް ވިދާޅުވި ގޮތުގައި، ހަކަތަ އުފައްދާ މަރުކަޒުތަކަށް ދިން މި ހަމަލާތަކަކީ ސަރަހައްދީ ހަމަނުޖެހުން ވަރަށް ބޮޑަށް އިތުރުވެގެން ދިޔުމެވެ. "ހަކަތަ އުފައްދާ މަރުކަޒުތަކަށް ލިބޭ ގެއްލުންތައް މަރާމާތުކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ، މީގެ މާނައަކީ ހަމަލާތައް ހުއްޓުނު ކަމުގައިވިޔަސް ކުރިމަގުގައި ހަކަތަ ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމެވެ،" ފީރް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
ޤަޠަރުން ބުނި ގޮތުގައި އީރާނުން ދިން މިސައިލް ހަމަލާތަކުގައި އެ ގައުމުގެ އެންމެ ބޮޑު އެލްއެންޖީ އެކްސްޕޯޓް ފެސިލިޓީ ކަމަށްވާ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަށް ވަނީ "ބޮޑެތި ގެއްލުންތަކެއް" ލިބިފައެވެ. މީގެ އިތުރުން ޔޫއޭއީ އާއި ސައުދީ އަރަބިއްޔާއިން ވެސް ވަނީ އެ ގައުމުތަކުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތައް ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް އިންޒާރު ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ ޤަޠަރުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އީރާނުން ދެން ހަމަލާއެއް ދީފިނަމަ، އީރާނުގެ ސައުތު ޕާސް ގޭސްފީލްޑް އެއްކޮށް ގޮއްވާލާނެ ކަމަށެވެ. މި މަސްރަހު ނުތަނަވަސްވެފައި މިވަނީ އެމެރިކާގެ ހިއްސާގެ ބާޒާރުތައް ވެސް އިންފްލޭޝަނާ ގުޅޭ ކަންބޮޑުވުންތަކުގައި ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.