ދުނިޔެ

އިޒްރާއިލުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވަންދެން އިޒްރާއިލަށް ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

އިޒްރާއިލުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވަންދެން އިޒްރާއިލަށް ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

އިޒްރާއިލްގެ ހަމަލާތަކުގައި ހަލާކުވެފައިވާ ޣައްޒާގެ ޝިފާ ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މާރިޗު 2026، 11:48

12 މާރިޗު 2026، 11:48

ހައްދުފަހަނައެޅި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ބައިނަލްއަގުވާމީ ޤާނޫނުތަކަށް ތަބާވަންދެން އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ދިވެހިރާއްޖޭން ގޮވާލައިފިއެވެ.

ރާއްޖޭން މިކަމަށް ގޮވާލީ މިހާރު ޖެނީވާގައި ކުރިއަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 3 ވަނަ އާންމު ބައްދަލުވުމުގެ ތެރެއިން އިއްވި ބަޔާނެއްގައެވެ.

އިންސާނީ ކާރިސާއާއި ކުޑަކުދިންގެ ހާލަތު
ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައި ފަލަސްތީނުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްގުތައް ހީނަރުވަމުންދާކަމުގެ ބޮޑު ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. ޚާއްސަކޮށް، އިސްރާއީލުން ކުރިމަތިކުރުވާފައިވާ އިންސާނީ ކާރިސާގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް ރާއްޖޭގެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.

މި ބަޔާނުގައި ރާއްޖޭން ވަނީ އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް މައުސޫމް ކުޑަކުދިންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އެ ޤައުމުގެ ބިންތަކަށް އަތްގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އިސްރާއީލުން ބައިނަލްއަގުވާމީ ޤާނޫނުތަކަށް ބޯލަނބަންދެން، ސިޔާސީ، އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް ގޮތުން އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދ. ގެ މެންބަރު ޤައުމުތަކަށް ރާއްޖޭން ބާރުއަޅާފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރާއްޖޭން އަންނަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ތަކުރާރުކޮށް އަޑުއުފުލަމުންނެވެ. މިގޮތުން، ބައިނަލްއަގުވާމީ މުޖުތަމަޢުން އެފަރާތްތަކުގެ ޒިންމާ އަދާކުރުމަށާއި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރާއްޖޭން އަބަދުވެސް ވަކާލާތު ކުރެއެވެ.

މީގެ އިތުރުން، ޤައުމީ ފެންވަރުގައިވެސް ރާއްޖޭން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް މަނާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުން ގޮވާލަމުންދިޔަ ނަމަވެސް، އިސްރާއީލުން އަދިވެސް ދަނީ ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450