ދުނިޔެ
ޣައްޒާގައި އިޒްރޭލުން ދިން ހަމަލާއެއްގައި މީހަކު ޝަހީދުވެ، ސުލްހައިގެ އެއްބަސްވުމާ އަނެއްކާވެސް ހިލާފުވެއްޖެ
ޣައްޒާގެ އަންހެނުންތަކެއް
ޣައްޒާ ސިޓީގައި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން ގާއިމުކޮށްފައިވާ ކަމަށް ބުނާ "ސުލްހައިގެ އެއްބަސްވުމާ" އިޒްރޭލުން އަނެއްކާވެސް ހިލާފުވި ފަހަރެކެވެ.
ބުދަ ދުވަހުގެ މެންދުރުފަހު ޣައްޒާ ސިޓީގެ ހައިދަރު އަބްދުލް ޝާފީ ރައުންޑްއަބައުޓް ކައިރިން ދަތުރުކުރި އުޅަނދަކަށް އަމާޒުކޮށް ދިން މި ހަމަލާގައި މަރުވެފައިވަނީ އުމުރުން 38 އަހަރުގެ ބާސިލް އަބޫ ވަރުދާ އެވެ. މި ހަމަލާގައި އިތުރު ބަޔަކު ޒަހަމްވެފައިވާއިރު، މިއީ ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ.
މިދިޔަ ހަފުތާގައި އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ބަލިމީހުން ބޭރަށް ގެންދިއުމަށް ބޭނުންކުރާ ޣައްޒާގެ ހުރިހާ ބޯޑަރުތަކެއް އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ. މީގެ ކުރިންވެސް އެހީ ވެއްދުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައިވާއިރު، މި ފިޔަވަޅުގެ ސަބަބުން ޣައްޒާގެ އިންސާނީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ.
އޮކްޓޯބަރު މަހު ސުލްހައިގެ އެއްބަސްވުން އަމަލީގޮތުން ފެށުނު ފަހުން، އިޒްރޭލުން ވަނީ 1,200 އަށްވުރެ ގިނަ ފަހަރު އެއްބަސްވުމާ ހިލާފުވެފައެވެ. މި މުއްދަތުގެ ތެރޭގައި އެކަނިވެސް އިޒްރޭލު ސިފައިން ވަނީ 640 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 288 އަށްވުރެ ގިނަ ކުޑަކުދިންނާއި، އަންހެނުންނާއި ދުވަސްވީ މީހުން ހިމެނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ ޖުމްލަ އަދަދު ވަނީ 72,120 އަށް އަރާފައެވެ. އިޒްރޭލުން ސުލްހައިގެ ވާހަކަ ދައްކަމުންދާއިރުވެސް، ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތަކާއި އެހީ ހުއްޓުވުމުގެ އަމަލުތައް ދަނީ މެދުނުކެނޑި ކުރިއަށެވެ.