ދުނިޔެ

އީރާނާއެކު ކުރާ ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާއެކު ކުރާ ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 މާރިޗު 2026، 11:50

10 މާރިޗު 2026، 11:50

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފްލޮރިޑާގެ ޑޯރަލްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ ވޭތުވެދިޔަ 10 ދުވަހު އީރާނަށް ދިން ހަމަލާތަކަކީ "ކުރު މުއްދަތުގެ ދަތުރެއް" (ޝޯޓް-ޓާމް އެކްސްކާޝަން) ގެ ގޮތުގައި ސިފަކުރައްވާފައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި، މިހާތަނަށް އީރާނުގެ 5،000 އަށްވުރެ ގިނަ އަމާޒުތަކަށް އެމެރިކާ އާއި އިސްރާއީލުން ހަމަލާދީފައިވާ ކަމަށް ޓްރަމްޕް ހާމަކުރެއްވިއެވެ. މި ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި، ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ވިދާޅުވި ނަމަވެސް، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހުރަސްއަޅަމުންދާނަމަ މިއަށްވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ. "ޓެރަރިސްޓް ރެޖީމަކުން ދުނިޔެ ރަހީނުކޮށް، ދުނިޔޭގެ ތެލުގެ ސަޕްލައި ހުއްޓުވަން ކުރާ މަސައްކަތަކަށް އަހަރެން ފުރުސަތެއް ނުދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ. މި މަސްރަހާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ ފީފާއަކަށް 119 ޑޮލަރަށް އުފުލިފައެވެ.

އީރާނުގެ އަސްކަރީ ގާބިލްކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ޑްރޯން އުފައްދާ ހުރިހާ ތަނެއް މިހާރު އެނގޭ ކަމަށާއި އެ ތަންތަނަށް ހަމަލާދެމުންދާ ކަމަށެވެ. އަދި އީރާނުގެ މިސައިލް ހަމަލާދިނުމުގެ ގާބިލްކަން މިހާރު ވަނީ 10 އިންސައްތައަށް ނުވަތަ އެއަށްވުރެ ދަށަށް ވައްޓާލެވިފައި ކަމަށްވެސް ރައީސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

އީރާނުގެ އައު އެންމެ މަތީ ވެރިޔާގެ ގޮތުގައި މުޖްތަބާ ޚާމަނާއީ އައްޔަންކުރުމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، އެ ނިންމުމާމެދު މާޔޫސްވާ ކަމަށާއި އޭގެ ސަބަބުން މައްސަލަތައް އިތުރަށް ގޯސްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި ކަމަށާއި، ޔޫކްރެއިން ހަނގުރާމަ ނިންމުމަށް ޕޫޓިންއަށް އެހީތެރިވެވިދާނެ ކަމަށް ވިދާޅުވި ކަމަށްވެސް ޓްރަމްޕް ހާމަކުރެއްވިއެވެ.

ޓްރަމްޕް ވިދާޅުވީ އީރާނާ ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަން ކުރިއަށްދާނީ "ދުޝްމަނުން މުޅިން ބަލިކުރެވެންދެން" ކަމަށެވެ. އަދި ގަލްފް ސަރަހައްދުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ އަސްކަރީ އުޅަނދުތައް އެ ތަކެއްޗާއެކު ދަތުރުކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450