ދުނިޔެ
ސައުދީގެ އަލް-ޚަރްޖަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ
ސަޢުދީއަށް ހަމަލާދިނުން
ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖް ސިޓީގެ މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެ، އިތުރު 12 މީހަކު ޒަޚަމްވެއްޖެއެވެ.
މި ހަމަލާއަކީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގެ ތެރެއިން ދީފައިވާ ހަމަލާއެކެވެ.
ސައުދީ ސިވިލް ޑިފެންސް އިން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، އަލް-ޚަރްޖްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު މި "މިލިޓަރީ ޕްރޮޖެކްޓައިލް" ގެ ސަބަބުން މަރުވެފައިވަނީ އިންޑިއާ މީހަކާއި ބަންގްލަދޭޝް މީހެކެވެ. މި ހަމަލާ އަމާޒުވެފައިވަނީ ސާފުކުރުމާއި މަރާމާތުކުރާ ކުންފުންޏެއްގެ މުވައްޒަފުން ދިރިއުޅޭ ތަނަކަށެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފައިވަނީ، އެމެރިކާ ސިފައިން ބޭނުންކުރާ ޕްރިންސް ސުލްތާން އެއާބޭސް ހިމެނޭ އަލް-ޚަރްޖް ސަރަހައްދުގެ ރާޑަރު ސިސްޓަމްތަކަށް ހަމަލާދީފައިވާނެ ކަމަށެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން މިދިޔަ ހަފްތާގައި އެ ސަރަހައްދަށް ދެވުނު އެތައް ހަމަލާއެއްގެ ތެރެއިން ހަމަލާއެކެވެ.
މީގެ އިތުރުން، ސައުދީގެ ދިފާއީ ވުޒާރާއިން ވަނީ ރިޔާޟްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދޭން އުޅުނު ހަމަލާއެއް ހިމެނޭހެން ޖުމްލަ 15 ޑްރޯން ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ. ހަމައެއާއެކު، ކުވެއިތުގެ ބައިނަލްއަގުވާމީ އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާ އަރާފައިވާ ކަމަށާއި، ބަހްރޭންގެ ފެން ސާފުކުރާ ޕްލާންޓަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އައި.އާރް.ޖީ.ސީގެ ތަރުޖަމާނު ވިދާޅުވީ، އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ދޭ ހަމަލާތައް ނުހުއްޓުވައިފިނަމަ ރައްދު ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. "ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށްވުރެ މައްޗަށް ދިއުމަށް ކެތްކުރެވޭނަމަ، މި ކުޅިވަރު ކުރިއަށް ގެންދަވާ،" އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހަށް ހަމަލާ ދިނުމަށް ބޭނުންވާ ސާމާނު އެބަހުރި ކަމަށްވެސް އީރާނުން ބުނެއެވެ.
އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަބޫލް ޣައިތު ވަނީ އީރާނުގެ މި ހަމަލާތަކަކީ "ޒިންމާދާރުކަން ކުޑަ" އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވައި، މިއީ ހެދޭ ވަރަށް ބޮޑު ސްޓްރެޓީޖިކް ގޯހެއް ކަމަށް ވިދާޅުވެފައެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އީރާނުގެ 1,200 އަށްވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.
ހުސޭނުބެ
09/03/2026 14:01
އަސްލަކީ އީރާނަކީ އަބަދުވެސް މުސްލިމުންގެ ލޭ އޮހޮރުވަން (ޚާއްސަކޮށް ސުންނީންގެ) ފެންބޮވާފަ ތިބޭ ބަޔެކެވެ. ޙާމަނާއީގެ ފޮތެއްގައި ބުނެފައިވެއެވެ. ތިމަންނަމެން އެ ދެހަރަމް ހިފޭ ދުވަހު، އެތަނުގައި އެވާ ދެގަބުރު ނަގާ އެއްލާލާނަމެނެވެ. އެބުނަމީ އަބުބަކުރު ރޢ އާއި އުމަރު ރއ ގެ ވާހަކަ އެވެ.
އަލިބެ
09/03/2026 16:34
އީރާނު މީހުނަށް މުސްލިމުންނަށް އަދި ޚާއްސަކޮށް ސުންނީންނަށް ހަމަލާ ނުދީ ނުތިބެވޭނެއެވެ. މިއީ އެމީހުންގެ ކަށީގައި ހިފާފައި ހުންނަ އެމީހުންގެ އަގީދާއާއި ގުޅިފައިވާ ކަމެކެވެ.