ދުނިޔެ

އިސްރާއީލަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމު: ބައިރޫތަށް ދޭ ހަމަލާތަކާ ގުޅިގެން ޓަކާ ކާލްސަންގެ ފާޑުކިޔުން

އިސްރާއީލަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމު: ބައިރޫތަށް ދޭ ހަމަލާތަކާ ގުޅިގެން ޓަކާ ކާލްސަންގެ ފާޑުކިޔުން

އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ޓަކާ ކާލްސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 މާރިޗު 2026، 11:23

08 މާރިޗު 2026، 11:23

އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ޓަކާ ކާލްސަން، އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބައިރޫތަށް ދެމުންދާ ހަމަލާތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، އިސްރާއީލަކީ ދުނިޔޭގެ އެންމެ "ނުރައްކާތެރި" އެއް ގައުމުގެ ގޮތުގައި ސިފަކޮށްފިއެވެ.

 ކާލްސަން އޭނާގެ ފަހުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ބުނީ، އިސްރާއީލުގެ އަމަލުތަކަކީ ޞުލްޙަވެރި އަމާން ތަންތަން ހަލާކުކުރުމުގެ ސިޔާސަތެއް ކަމަށެވެ. 

ކާލްސަން ފާހަގަކުރި ގޮތުގައި ބައިރޫތަކީ އޭނާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރި ދަތުރުތަކުގައި ފެނުނު އެންމެ ރީތި އެއް ސިޓީއެވެ. ނަމަވެސް، 1948 ވަނަ އަހަރުން ފެށިގެން ރީތި އެއްވެސް އެއްޗެއް ބިނާކޮށްފައި ނުވާ އިސްރާއީލުން، އެފަދަ ރީތި ސިޓީއެއް ސުންނާފަތި ކުރަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. "އިސްރާއީލަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އަދި އެންމެ ހުތުރު ގައުމުތަކުގެ ތެރެއިން ގައުމެއް، އެމީހުންގެ ތަބީއަތަކީ ފިތުނަވެރިކަން ނެތް ތަންތަން ފަސާދަކޮށް ހަލާކުކުރުން،" ކާލްސަން ބުންޏެވެ.

ކާލްސަންގެ ވާހަކައިގައި އިތުރަށް ބުނީ، އިސްރާއީލުން ހަމަލާދެމުންދަނީ ހަމައެކަނި އަސްކަރީ އަމާޒުތަކަށް ނޫން ކަމަށާއި، މިއީ "ޞުލްޙަވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައެއް" ކަމަށް ސިފަވާ ކަމަށެވެ. ބައިރޫތުގެ އިތުރުން ސޫރިޔާގެ ބައެއް ސަރަހައްދުތަކާއި، އީރާނުގެ ރީތި ތަންތަނާއި މުގައްދަސް ބިނާތައް ހަލާކުވަމުންދާ ދިއުމަކީ ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި އޭނާ ތުހުމަތުކުރިއެވެ.

މި ވާހަކަތަކާ ގުޅިގެން މީސްމީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިސްރާއީލުން މިހާރު އެންމެ ބޮޑަށް ބިރުގަންނަނީ ހަމައެކަނި އަސްކަރީ ބާރަކަށް ނޫނެވެ. އޭގެ ބަދަލުގައި، ކާލްސަން ފަދަ ނުފޫޒުގަދަ ހުޅަނގުގެ އަޑުތަކުން އިސްރާއީލާ ދެކޮޅަށް ފާޅުގައި ވާހަކަދައްކަން ފެށުމަކީ ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.

މިދިޔަ މަހު އިސްރާއީލަށް ކުރި ދަތުރެއްގައި ބެން ގޫރިއަން އެއާޕޯޓުން ކާލްސަން ހިފަހައްޓައި ސުވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭނާގެ ރާގު އިސްރާއީލާ ދެކޮޅަށް މިހާ ވަރުގަދަވެފައިވަނީ އެ ހާދިސާއަށް ފަހުގައެވެ. ކާލްސަންގެ މި ފާޑުކިޔުންތަކަކީ އިސްރާއީލުގެ ޕްރޮޕެގަންޑާ މިޝަންއަށް ލިބުނު ބޮޑު ހީނަރުކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450