ދުނިޔެ

އީރާނާއި އެމެރިކާ-އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ކުރުދީންނަށް ބިރުވެރިކަން ކުރިމަތިވެއްޖެ

އީރާނާއި އެމެރިކާ-އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ކުރުދީންނަށް ބިރުވެރިކަން ކުރިމަތިވެއްޖެ

ޢިރާޤުގެ އުތުރުގައިވާ އަރްބީލް އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާއެއްދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 މާރިޗު 2026، 02:09

08 މާރިޗު 2026، 02:09

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް އަށް ދުވަސް ވެފައިވާއިރު، އިރާގުގެ އުތުރުގައި އޮންނަ ކުރުދިސްތާން ސަރަހައްދުގެ ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

 ހާއްސަކޮށް އީރާނުގެ ބޯޑަރާ ކައިރި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ބިރުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މި ބިރުވެރިކަން އުފެދިފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އެކި ތަންތަނަށް ދެމުންދާ ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން އެމެރިކާ އާއި އިސްރާއީލުގެ އަމާޒުތަކަށް ފޮނުވާލާ ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް ކުރުދިސްތާން ސަރަހައްދުގެ މަތިން ދަތުރުކުރަމުންދާތީއެވެ. މި ހަމަލާތަކުގެ ސަބަބުން ކުރުދީންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

ޕެޝްމާގާ ފޯސްގެ ކުރީގެ މެންބަރެއް ކަމަށްވާ ސްޓާ ބާސިރިނީ އޭއެފްޕީ ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ، ކުރުދީންނަކީ ސުލްހަވެރިކަމާއެކު ދިރިއުޅެން ބޭނުންވާ ބައެއް ކަމަށާއި، ނަމަވެސް މި ސަރަހައްދީ ހަނގުރާމައިގެ ތެރެއަށް ކުރުދީން ދަމައިގަނެވިދާނެތީ ބިރުގަންނަ ކަމަށެވެ. "އެ ތަކެތި (ޑްރޯންތައް) ކޮންމެ ދިމާލަކުން ވެސް އާދޭ، ހާއްސަކޮށް ރޭގަނޑު،" އޭނާ ބުންޏެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ކުރުދިސްތާނުގައި ތިބި "ވަކިވެގަންނަން މަސައްކަތްކުރާ ގްރޫޕްތަކަށް" އަމާޒުކޮށް ހަމަލާދޭން ފަށާފައެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި މި ގްރޫޕްތަކަކީ އިސްރާއީލާއި ހުޅަނގުގެ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް އީރާނުގެ އެތެރޭގައި ހަމަލާދޭ ބައެކެވެ. ރިވޮލިއުޝަނަރީ ގާޑުން ވަނީ އީރާނުގެ ބިމަށް ދޭ ކޮންމެ ހަމަލާއެއް ހުއްޓުވައި، އެފަދަ ފަރާތްތައް ފުނޑުފުނޑުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

މި ހަމަަނުޖެހުންތަކާ ގުޅިގެން އިރާގުގެ މަރުކަޒީ ސަރުކާރާއި އުރުބީލް (ކުރުދިސްތާން ސަރުކާރު) އިން ބުނެފައިވަނީ، އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަށް އިރާގުގެ ބިން ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ކުރުދީ ހަނގުރާމަވެރިން އީރާނަށް ހަމަލާދިނުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ބޯޑަރު ކައިރީގައި ހުރި ފިހާރަތަކާއި ބޭކަރީތަކަށް މީހުން ދިއުން މަދުވެފައިވާއިރު، މުދާ އުފުލާ ލޮރީ ދުއްވާ މީހުންނަށް ވެސް ރައްކާތެރިކަން ހޯދުމަށް މަގުތައް ބަދަލުކުރަން ވަނީ މަޖުބޫރުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450