ޚަބަރު
އިމާމު އިބްނުލްޤައްޔިމް ލިޔުއްވާފައިވާ 'އައްޠުރުޤުލް ޙުކްމިއްޔާ ފިއްސިއްޔާސަތިއްޝަރްޢިއްޔާ' ފޮތުގެ ދިވެހި ތަރުޖަމާ ނެރެފި
ފޮތުގެ ތަރުޖަމާ ނެރުން/ފޮޓޯ: ވުޒާރާ
އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ މުހިއްމު މަސައްކަތުގެ ދަށުން، އިމާމު އިބްނުލްޤައްޔިމް ލިޔުއްވާފައިވާ، 'އައްޠުރުޤުލް ޙުކްމިއްޔާ ފިއްސިއްޔާސަތިއްޝަރްޢިއްޔާ' (الطُّرُقُ الْحُكْمِيَّةُ فِي السِّيَاسَةِ الشَّرْعِيَّةِ) ގެ ދިވެހި ތަރުޖަމާ މިއަދު ނެރެފިއެވެ.
މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އިމާމު އިބްނުލްޤައްޔިމް ލިޔުއްވާފައިވާ 'ޝަރުޢީ ސިޔާސަތުގެ އަލީގައި ޙުކުމްކުރުމުގެ ގޮތްތައް' މި ފޮތަކީ އިސްލާމީ ފިޤުހާއި ޝަރްޢީ ސިޔާސަތާއި ފަނޑިޔާރުކަމުގެ ޢިލްމުގެ މުހިންމު މަޞްދަރުތަކުގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ ވަރަށް ޢިލްމީ ފޮތެކެވެ. އެކަލޭގެފާނު ވަނީ މިފޮތުގައި އިސްލާމީ ޤަޟާއީ ނިޒާމާ ބެހޭ ފިޤުހާއި ޝަރުޢީ މަޤުޞަދުތައް ޖަމަޢަކުރައްވާފައެވެ.
އިސްލާމީ ޢިލްމު ދިވެހި ބަހަށް ތަރުޖަމާ ކުރުމަށްޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ މަޝްރޫޢުގެ ދަށުން 2/1 pic.twitter.com/saonX1HTu8
— Ministry of Islamic Affairs (@MVIaffairs) February 11, 2026
ހަމަ އެހެންމެ، ވަގުތާއި ޙާލަތައް ޝަރުޢުގެ ޙުކުމްތަކާއި މަޤާޞިދުތައް ފައްތާނެ ގޮތްތަކާއި ޢަދުލުވެރިކަމާއި ޙައްޤު ޤާއިމުކުރާނެ ޤަވާޢިދުތަކާއި ހަމަތަކާއި ހެއްކާއި ޤަރީނާއާ ގުޅޭ ގޮތުން ޝަރުޢުގައި ބަޔާންވެގެންވާ އަސާސްތަކާއި މަބާދިއުތައް މި ފޮތުގައި ވަނީ ގެންނަވާފައެވެ. އަދި ޚަޞްމުންގެ މެދުގައި ޢަދުލަށް ޙުކުމްކުރާނެ ގޮތްތައް ގެންނަވާފައިވެއެވެ. މީގެ އިތުރުން، ޙައްޤުތައް ޙިމާޔަތްކުރާނޭގޮތުގެ ޙުކުމްތައް ބަޔާންކުރައްވާ، ޝަރުޢީ ސިޔާސަތަކީ ޝަރުޢުގެ މަޤާޞިދުތައް ތަންފީޒުކުރުންކަން ކަށަވަރު ކުރައްވާފައި ވެއެވެ.
މިއީ އިސްލާމީ ޤަޟާއީ ޢިލްމު (އިސްލާމިކް ޖުޑިޝަލް ސައިންސް) ގެ ދާއިރާއިން ދިވެހިރާއްޖޭގައި ދިވެހި ބަހުން ޝާއިޢުކުރެވޭ އެންމެ ބޮޑު ފޮތްކަން ފާހަގަކޮށްލެވެއެވެ. މިފޮތުގައި 845 ޕޭޖު ހިމެނެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި ފޮތް ތަރުޖަމާ ކުރެއްވީ އައްޝައިޚް ޢަލީ ނަޖީބުއެވެ. އަދި މި ފޮތް މުރާޖަޢާ ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.