Ads by Stelco

ޚަބަރު

ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެއްޖެ: ރައީސް މުޢިއްޒު

ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެއްޖެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ފެބްރުއަރީ 2026، 08:25

10 ފެބްރުއަރީ 2026، 08:25

ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން ގެނައި އީޖާބީ ބަދަލުތަކުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބަރލިންގައި ބޭއްވި "މޯލްޑިވްސް-ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުން ބޭއްވި މަރުކަޒުން ރައީސަށް މަރުޙަބާ ދެންނެވީ ޖަރމަން ޗެމްބަރ އޮފް އިންޑަސްޓްރީ އެންޑް ކޮމަރސް (ޑީ.އައި.އެޗް.ކޭ) ގެ ބޯޑު މެންބަރު ޑޮކްޓަރ ވޮލްކާ ޓްރައިއާ އާއި ޑަރމަލޮގްގެ ސީއީއޯ ގުންތަރ މުލް އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މާލީ އަޚުލާޤު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށާއި، މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގޫގްލް ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ މުސްތަޤުބަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ 2040 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މާލީ ނިޒާމު ޒަމާނީކުރުމާއި، ޑިޖިޓަލައިޒްކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަކީ އެ ތަސައްވުރުގެ މުހިންމު ބައިތަކެއް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ސޯލާ ސިޓީ" ފަދަ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއަރ" ގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން އިޢުލާންކުރައްވައި، އެ ހަރަކާތުގައި ބައިވެރިވުމަށް ޖަރުމަނުގެ އިންވެސްޓަރުންނަށް ދަޢުވަތު އަރުވާފައެވެ. އަދި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ޒަމާނީކޮށް، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމަށް ކުރާ މަސައްކަތުގައި ޖަރުމަނުގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން، ރާއްޖޭގެ ޑެސްޓިނޭޝަން ޕްރޮމޯޓްކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް އާއި ވިލާތުގެ އެންމެ ބޮޑު އެއް ޓޫރިޒަމް ގުރޫޕު ކަމަށްވާ "ޑިއަރޓުއަރ ޑޮއިޝްލަންޑް" އާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޖަރުމަނުވިލާތަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އިތުބާރުހުރި، ހަޤީޤީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450