ޚަބަރު
މާމެންދޫ ވޮލީ ކޯޓުގައި މިހާރުކުރިޔަށް ދަނީ ޓަރފް އެޅުމުގެ މަސައްކަތް: އެމްޓީސީސީ
މާމެންދޫ ވޮލީ ކޯޓު ސަރަހައްދު / ފޮޓޯ: އެމްޓީސީސީ
ގއ. މާމެންދޫގައި ތަރައްޤީކުރަމުން އަންނަ އައުޓްޑޯ ވޮލީ ކޯޓުގައި މިހާރު ކުރިއަށްދަނީ ޓަރފް އެޅުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ފުޅާކޮށް، ޒުވާނުންނަށް ދުޅަހެޔޮ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޤައުމީ މަޝްރޫޢުތަކުގެ ތެރެއިން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިސްނެގުމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މާމެންދޫ ވޮލީ ކޯޓު ސަރަހައްދު / ފޮޓޯ: އެމްޓީސީސީ
މާމެންދޫގައި ޤާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ދަށުން ގިނަ ކުޅިވަރުތަކަކަށް ޚާއްޞަ ވަސީލަތްތައް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑަކާއި، މިހާރު ޓަރފް އެޅުމުގެ މަރުޙަލާގައިވާ އައުޓްޑޯ ވޮލީ ކޯޓުގެ އިތުރުން ބަށި ކޯޓެއް ހިމެނެއެވެ.
މިފަދަ ކުޅިވަރު ވަސީލަތްތައް ރަށްރަށުގައި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އިޖުތިމާޢީ އަދި ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދެވޭ ކަންކަމެވެ. މާމެންދޫ ސްޕޯޓްސް ކޮމްޕްލެކްސް ނިމުމުން އެ ރަށުގެ ޒުވާނުންނަށް ފަސޭހަކަމާއެކު އެކި ކުޅިވަރުތައް ކުޅެ، ހުނަރު އިތުރުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.