ދުނިޔެ

ސިލްސިލާ ވައިގެ ހަމަލާތަކާއެކު ލުބުނާނުގެ ސުލްހައިގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ސިލްސިލާ ވައިގެ ހަމަލާތަކާއެކު ލުބުނާނުގެ ސުލްހައިގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

އިޒްރާއިލުން ލުބްނާނަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ފެބްރުއަރީ 2026، 10:30

05 ފެބްރުއަރީ 2026، 10:30

އިޒްރާއީލުން ލުބުނާނަށް ދެމުންދާ ވައިގެ ހަމަލާތައް ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާ ކަމަށާއި، މިދިޔަ ޖެނުއަރީ މަހަކީ ސުލްހައިގެ އެއްބަސްވުމަށްފަހު އެންމެ ގިނައިން ހަމަލާދިން މަސް ކަމަށް ނޯވޭޖިއަން ރެފިއުޖީ ކައުންސިލް (އެންއާރުސީ) އިން ބުނެފިއެވެ.

 އެ ޖަމާއަތުން ހާމަކުރި ގޮތުގައި މިދިޔަ މަހު އެކަނިވެސް އިޒްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ލުބުނާނަށް މަދުވެގެން 50 ވައިގެ ހަމަލާ ދީފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

އެންއާރުސީން ބުނި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިޒްރާއީލާއި ލުބުނާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ އެއްވެސް އަގަކެއް މިހާރު ނެތެވެ. ލުބުނާނުގައި ހުންނަވާ އެންއާރުސީގެ ކަންޓްރީ ޑައިރެކްޓަރު މައުރީން ފިލިޕޮން ވިދާޅުވީ، ވައިގެ ހަމަލާތަކާއި ކެމެރާތަކަށް ފެންނަން ނެތް އެއްގަމު މަގުން ހިންގާ އުދުވާންތަކުގެ ސަބަބުން ސުލްހައިގެ އެއްބަސްވުމަކީ ހަމައެކަނި ކަރުދާހުގައި އޮތް އެއްޗަކަށް ވެފައިވާ ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ހަނގުރާމައިގައި ސުންނާފަތިވެފައިވާ ތަންތަން އަލުން އާބާދުކުރުމަށް ކުރާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. ދެކުނު ލުބުނާނާއި ބެކާ ވެލީގެ އެތައް ސިޓީއަކާއި އަވަށަކަށް އަމާޒުކޮށްދޭ ހަމަލާތަކުގައި ގިނަ އަދަދެއްގެ ގެދޮރު ހަލާކުވެ، ގާތްގަނޑަކަށް 64,000 މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

ފިލިޕޮން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހަމަލާތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނަށެވެ. މިސާލެއްގެ ގޮތުން، އެ ޖަމާއަތުން ދާދި ފަހުން މަރާމާތުކުރި ސްކޫލަކަށް އަނެއްކާވެސް ހަމަލާދީ ގެއްލުން ދީފައިވާތީ، ކުދިންގެ ތައުލީމަށް އަނެއްކާވެސް ބޮޑު މެދުކެނޑުމެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރާއީލު ސިފައިން ބުނަމުންދަނީ އެމީހުން ހަމަލާދެނީ ހިޒްބުاللهގެ އަސްކަރީ އިންފްރާސްޓްރަކްޗަރަށް ކަމަށާއި، އެއީ އެ ސަރަހައްދުގައި އެ ޖަމާއަތުގެ ހަރަކާތްތައް އަލުން ވަރުގަދަކުރަން އުޅޭތީ ދޭ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް، ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ އިޒްރާއީލުން ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ގޮތް ނޭނގޭ މާއްދާއެއް ބުރުވައިގެން ތިމާވެށީގެ ބޮޑު ޖަރީމާއެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެންއާރުސީން ވަނީ އިޒްރާއީލުގެ ބައިވެރިންނަށް ގޮވާލައި، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދޭ ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިލްތިމާސްކޮށްފައެވެ. "މި ނުރައްކާތެރި ބުރު ނިމުމަކަށް އަންނަންޖެހޭ،" ފިލިޕޮން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450