ދުނިޔެ
އިޒްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 21 މީހުން ޝަހީދުކޮށްލައި، ސުލްހައިގެ އެއްބަސްވުމަށްފަހު ޝަހީދުކޮށްލި މީހުންގެ އަދަދު 556 އަށް އަރައިފި
ޣައްޒާގެ ޝަހީދުންތަކެއް
އޮކްޓޯބަރު މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިވުމާއެކު ގާއިމުކުރި ނާޒުކު ސުލްހައިގެ އެއްބަސްވުމަށްފަހު، އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 550 އަށްވުރެ މައްޗަށް އަރައިފިއެވެ.
ބުދަ ދުވަހުގެ ފަތިހުން ފެށިގެން ދިން ހަމަލާތަކުގައި އެކަނިވެސް މަދުވެގެން 21 މީހުން ވަނީ ޝަހީދުވެފައެވެ.
ބުދަ ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާ ސިޓީއާއި ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި 21 މީހުންގެ ތެރޭގައި ތިން ކުޑަކުދިންނާއި، ތުއްތު ފިރިހެން ކުއްޖަކާއި، އުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންގެ އިތުރުން ޕެރާމެޑިކެއް ހިމެނެއެވެ. މި ހަމަލާތަކުގައި އިތުރު 38 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާ ސިޓީގެ ތުއްފާހް އަދި ޒައިތޫން އަވަށަށް ދިން ހަމަލާތަކުގައި އެކަނިވެސް 14 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގައި ރެފިއުޖީން ދިރިއުޅޭ ފޭލިގެއަކަށްވެސް އިޒްރާއީލުން ވަނީ ހަމަލާދީފައެވެ. މި ހަމަލާ ދިން ސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ ޕެރާމެޑިކަކާއި ދެ ކުޑަކުދިން ޝަހީދުވީ އެ ސަރަހައްދަށް ދިން ދެވަނަ ހަމަލާގައެވެ.
އޮކްޓޯބަރު މަހު ސުލްހައިގެ އެއްބަސްވުން ގާއިމުކުރި ފަހުން އިޒްރާއީލުން ވަނީ 1,200 އަށްވުރެ ގިނަ ފަހަރު އެއްބަސްވުމާ ޚިލާފުވެފައެވެ. މި އަމަލުތަކުގެ ސަބަބުން އެތައް ސަތޭކަ އާންމުންނެއް މަރުވެފައިވާއިރު، ގައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އިޒްރާއީލުން ދަނީ ހުރަސް އަޅަމުންނެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު 10 އިން ފެށިގެން އިޒްރާއީލު ސިފައިން ވަނީ 556 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިޒްރާއީލުން ފެށި ޤަތުލުއާންމުގައި މިހާތަނަށް ޖުމްލަ 71,803 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.