Ads by Stelco

ޚަބަރު

މީޑިއާތަކަށް އުފާވެރި ޚަބަރެއް، މިއަހަރު މީޑިއާ ވިލެޖް ބޭނުން ކުރަން ފަށަނީ

މީޑިއާތަކަށް އުފާވެރި ޚަބަރެއް، މިއަހަރު މީޑިއާ ވިލެޖް ބޭނުން ކުރަން ފަށަނީ

ހުޅުމާލެ ސިޓީ ހޮޓެލް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ފެބްރުއަރީ 2026، 05:40

05 ފެބްރުއަރީ 2026، 05:40

މީޑިއާތަކަށް ޚާއްޞަ ކޮށްގެން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާ މިއަހަރުގެ ތެރޭގައި އެތަން ބޭނުން ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ރައީސް އިޢުލާން ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ މި މީޑިއާ ވިލެޖަކީ މީޑިއާތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި މާލީ ބުރައަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ރައީސް ވިދާޅުވީ، މީޑިޔާތަކުން އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާ ކަމަށާއި، މި ވިލެޖާއެކު ކުޑައަގެއްގައި އެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

މީޑިއާ ވިލެޖުގައި ޖުމްލަ 34 ޖާގަ ހިމެނޭއިރު، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން މީޑިއާތަކަށް ލިބޭ އާމްދަނީއިން މީޑިއާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

މި މަޝްރޫޢު ކުރިއަށްދަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފެށި އިމާރާތުގައެވެ. "މަންހަޓަން ގްރޭންޑު"ގެ ނަމުގައި އަލުން ތަރައްޤީކުރާ މި އިމާރާތް ހިންގުމަށް ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ އަހަރުގެ އޯގަސްޓު މަހު ވަނީ ޙަވާލުކޮށްފައެވެ.

މި އިމާރާތުގެ 3 ނުވަތަ 5 ފަންގިފިލާ ޚާއްޞަ ކުރަނީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި މުހިންމު 4 ވަޢުދެއް ފުއްދުމަށެވެ. އެގޮތުން މީޑިއާ ވިލެޖުގެ އިތުރުން، ޒަމާނީ ޔޫތު ސެންޓަރަކާއި، މެޑިކަލް ކޮލެޖެއްގެ އިތުރުން ތަރިކަ ކޮލެޖެއްވެސް މި އިމާރާތުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ މީޑިއާ ދާއިރާއަށާއި، ތަޢުލީމީ އަދި އިޖުތިމާޢީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. މިހާރު މި އިމާރާތުގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ހަލުވި ދުވެއްޔެއްގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450