ޚަބަރު
މާލެ ހިޔާ ފްލެޓްގެ 5 ވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ މީހަކު ވެއްޓިއްޖެ
މާލޭ ހިޔާ ގެ ފްލެޓް ތައް ފޮޓޯ: ޕީއެސްއެމް
މާލެ ހިޔާ ފްލެޓްގެ ފަސްވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ވެއްޓި، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މާލެ ހިޔާ 1 ވަނަ ފްލެޓުން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 06:50 ހާއިރުއެވެ. މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ ވެއްޓިފައިވަނީ އެ ފްލެޓް އިމާރާތުގެ ފަސްވަނަ ފަންގިފިލާއިން ކަމަށެވެ. ހާދިސާ ހިނގި ސަރަހައްދުން އެ މީހާ ވަނީ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މާލެ ހިޔާއަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވާއިރު، މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.