ދުނިޔެ

ޣައްޒާގެ ޑރ. ހުސާމް އަބޫ ސަފިއްޔާއާ ދެކޮޅަށް އިޒްރާއީލުން ދޮގު ޕްރޮޕެގަންޑާ ކެމްޕޭނެއް ފަށައިފި

ޣައްޒާގެ ޑރ. ހުސާމް އަބޫ ސަފިއްޔާއާ ދެކޮޅަށް އިޒްރާއީލުން ދޮގު ޕްރޮޕެގަންޑާ ކެމްޕޭނެއް ފަށައިފި

ޑރ ހުސާމް އަބޫ ސާފިއްޔާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ފެބްރުއަރީ 2026، 10:16

04 ފެބްރުއަރީ 2026، 10:16

ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑައިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ އިޒްރާއީލުގެ ސިފައިން ހައްޔަރުކޮށްފައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، އޭނާއަކީ ހަމާސްގެ "ކާނަލެއް" ކަމަށް ބުނެ އިޒްރާއީލުން ދޮގު ތުހުމަތުތަކެއް ފަތުރަން ފަށައިފިއެވެ.

 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިޒްރާއީލު ސިފައިން ވަގަށް ނެގި ޑރ. ސަފިއްޔާ މިނިވަންކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރާއީލުގެ ވޮޗްޑޮގް ގްރޫޕެއް ކަމަށްވާ އެންޖީއޯ މޮނިޓަރާއި އިޒްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ ޑރ. ސަފިއްޔާއަކީ ހަމާސްގެ އިސް އޮފިސަރެއް ކަމަށެވެ. މި ތުހުމަތުތައް ބިނާކޮށްފައިވަނީ 2016 ވަނަ އަހަރު ކަމާލް އަދުވާން ހޮސްޕިޓަލް ނިމުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެއްގައި އޭނާ އަސްކަރީ ޔުނީފޯމެއްގައި ހުރި ފޮޓޯއަކަށެވެ. ނަމަވެސް މި ފޮޓޯއަކީ ފަލަސްތީނުގެ ޞިއްޙީ ވުޒާރާގެ ދަށުން ހިންގާ ޣައްޒާ މެޑިކަލް ސާވިސަސްގެ ފޭސްބުކް ޕޭޖުގައި ޝާއިއުކޮށްފައިވާ ފޮޓޯއެކެވެ.

ހަމާސްގެ އިސް އޮފިޝަލް އަދި ކުރީގެ ޞިއްޙީ ވަޒީރު ބާސިމް ނައީމް ވިދާޅުވީ، ކަމާލް އަދުވާން ހޮސްޕިޓަލަކީ ޞިއްޙީ ވުޒާރާއާއި ދާޚިލީ ވުޒާރާ ގުޅިގެން ހިންގާ ތަނެއް ކަމަށާއި، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހިންގާ މޮޑެލްއެއް ކަމަށެވެ. އަދި ހަމާސްގެ އަސްކަރީ ގާފިލާގައި "ކާނަލް" ފަދަ ރޭންކުތައް ބޭނުން ނުކުރާ ކަމަށާއި، އެއީ ސަރުކާރުގެ މެޑިކަލް ކޯޕްސްގެ ރޭންކެއް ކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.

"ޑރ. ހުސާމް އަބޫ ސަފިއްޔާއަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ސައްހަކަން ކަށަވަރުނުވާ ފޮޓޯތަކެއްގެ މައްޗަށް ބިނާކޮށް ކުރާ ތުހުމަތުތަކެއް،" ބާސިމް ނައީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޑރ. ސަފިއްޔާއަކީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށާއި، އޭނާގެ ވަޒީފާއަކީ އެއްވެސް އަސްކަރީ ޖަމާއަތަކާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ.

އެންޖީއޯ މޮނިޓަރުގެ ސީނިއާ ރިސާޗަރު ވިންސެންޓް ޗެބަޓް ޖެރޫސަލަމް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި އިއުތިރާފުވެފައިވާ ގޮތުގައި، ޑރ. ސަފިއްޔާއަކީ ކާނަލެއްކަން ސާބިތުކުރުމަށް އޭނާ ބޭނުންކުރީ ހަމައެކަނި ގޫގުލް އަދި ސޯޝަލް މީޑިއާގެ ސާޗްތަކެކެވެ. މިއީ އެއްވެސް ފުން ތަހުގީގެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫންކަން މީގެން ހާމަވެއެވެ.

ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަލް-މީޒާން ގްރޫޕުން ބުނެފައިވަނީ އިސްރާއީލުން ޑރ. ސަފިއްޔާ ގެންގުޅެނީ "ރަހީނެއް"ގެ ގޮތުގައި ކަމަށެވެ. އަދި ސުލްހައިގެ ވާހަކަތަކުގައި ސިޔާސީ މަންފާއެއް ހޯދުމަށް އިޒްރާއީލުން އޭނާ ބޭނުންކުރަމުންދާ ކަމަށް އެ ޖަމާއަތުން ތުހުމަތުކުރެއެވެ. އެމްނެސްޓީ އިންޓަނޭޝަނަލުން ވެސް ވަނީ ޑރ. ސަފިއްޔާ ވަގުތުން މިނިވަންކުރުމަށް ގޮވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450