ދުނިޔެ

އިޒްރާއީލުގެ ޖަލުތަކުގައި ކުރި އަނިޔާތަކުގެ ސަބަބުން މިނިވަންވިތާ ހަފްތާއެއްގެ ތެރޭގައި ފަލަސްތީނުގެ އަސީރަކު ޝަހީދުވެއްޖެ

އިޒްރާއީލުގެ ޖަލުތަކުގައި ކުރި އަނިޔާތަކުގެ ސަބަބުން މިނިވަންވިތާ ހަފްތާއެއްގެ ތެރޭގައި ފަލަސްތީނުގެ އަސީރަކު ޝަހީދުވެއްޖެ

ޝަހީދު ޚާލިދު އަލް-ސައިފީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ފެބްރުއަރީ 2026، 09:54

04 ފެބްރުއަރީ 2026، 09:54

އިޒްރާއީލުގެ ޖަލުތަކުގައި ދެމުންދާ ލާއިންސާނީ އަނިޔާތަކާއި، ބޭސްފަރުވާއަށް އިހުމާލުވުމުގެ ސަބަބުން، މިނިވަންވިތާ އެންމެ ހަފްތާއެއްގެ ތެރޭގައި ފަލަސްތީނުގެ އަސީރަކު ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ޕްރިޒަނާސް އެފެއާޒް ކޮމިޝަނާއި ޕްރިޒަނާސް ސޮސައިޓީ (ޕީޕީއެސް) އިން ހާމަކުރި ގޮތުގައި، ޝަހީދުވެފައިވަނީ އުމުރުން 67 އަހަރުގެ ޚާލިދު އަލް-ސައިފީއެވެ.

ހުޅަނގު އައްސޭރީގެ ބެތުލެހެމްގެ ދެހީޝޭ ރެފިއުޖީ ކޭމްޕަށް ނިސްބަތްވާ އަލް-ސައިފީއަކީ 2023 އޮކްޓޯބަރު 7 ގައި އިޒްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށްފަހު ދެ ފަހަރެއްގެ މަތިން ހައްޔަރުކުރި މީހެކެވެ. އޭނާ ރާމްލާ ޖަލުގައި ހަތަރު މަސް ދުވަސް ހޭދަކުރިއިރު، ޖަލުގައި ދިން އަނިޔާތަކާއި، ބަނޑަށް ޖެއްސުމުގެ ސަބަބުން އޭނާގެ ޞިއްޙީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އޭނާ ޝަހީދުވީ މިދިޔަ ހޯމަ ދުވަހު ރާމަﷲގެ އިސްތިޝާރީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފަލަސްތީނުގެ ޖަމިއްޔާތަކުން ހާމަކުރާ ގޮތުގައި، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އިޒްރާއީލުގެ ޖަލުތަކުގައި މިހާތަނަށް 87 އަށްވުރެ ގިނަ އަސީރުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގާޒާއަށް ނިސްބަތްވާ 51 މީހުންނާއި ކުޑަކުއްޖަކު ހިމެނެއެވެ. މިއީ އަސީރުންގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް މީހުން ޝަހީދުވި ދުވަސްވަރު ކަމަށް އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ.

ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް-އިޒްރާއީލް (ޕީއެޗްއާރްއައި) އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި ޖަލުތަކުގައި 98 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ސީދާ އަނިޔާކުރުމާއި، ކާބޯތަކެތިން މަހްރޫމްކުރުމާއި، އަދި ބޭސްފަރުވާ ނުދީ އިހުމާލުވުމުގެ ސަބަބުންނެވެ.

މިހާރުވެސް އިޒްރާއީލުގެ ޖަލުތަކުގައި 9،350 އަށްވުރެ ގިނަ ފަލަސްތީނު މީހުން ބަންދުކޮށްފައިވެއެވެ. މީގެ ތެރޭގައި އަންހެނުންނާއި، ކުޑަކުދިންނާއި އަދި ނޫސްވެރިންވެސް ހިމެނެއެވެ. 1967 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 324 ފަލަސްތީނު އަސީރުން އިޒްރާއީލުގެ ޖަލުތަކުގައި ޝަހީދުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450