ދުނިޔެ

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުން ތިބި ފޭލިގެއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ޕެރާމެޑިކަކު ޝަހީދުކޮށްލައިފި

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުން ތިބި ފޭލިގެއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ޕެރާމެޑިކަކު ޝަހީދުކޮށްލައިފި

ޝަހީދުވި ޕެރަމެޑިކް ގެ ޖަނާޒާއަށް އޭނާގެ ހަށިގަނޑު ގެންދެވެނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ފެބްރުއަރީ 2026، 09:54

04 ފެބްރުއަރީ 2026، 09:54

ހުލާސާ


ޣައްޒާގެ ދެކުނުގައި ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅެމުންދިޔަ ފޭލިގެއަކަށް އިޒްރޭލުން ދިން ފުރަތަމަ ހަމަލާއަށްފަހު، އަނިޔާވި މީހުންނަށް އެހީތެރިވުމަށް ދިޔަ ފަލަސްތީނުގެ ޕެރާމެޑިކަކު އިޒްރޭލުގެ ދެވަނަ ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.

 ބުދަ ދުވަހުގެ މެންދަމުން ފެށިގެން އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް 20 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނު ރެޑް ކްރެސެންޓުން ހާމަކޮށްފައިވާ ގޮތުގައި، ޝަހީދުވެފައިވަނީ އެ ޖަމިއްޔާގެ ޕެރާމެޑިކެއް ކަމަށްވާ ހުސައިން އަލް-ސާމިރީއެވެ. އޭނާ ޝަހީދުވީ ޚާން ޔޫނިސްގެ ހުޅަނގުން އަލް-މަވާސީ ސަރަހައްދުގައި އަނިޔާވި މީހުން އުފުލުމުގެ މަސައްކަތުގައި އުޅެނިކޮށް، އިޒްރޭލު ސިފައިން ދެވަނަ މިސައިލަކުން އެ ފޭލިގެއަށް ހަމަލާދިނުމުގެ ސަބަބުންނެވެ. މި ދެ ހަމަލާގައި އިތުރު މީހަކު ޝަހީދުވެ، 12 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

މެންދަމުން ފެށިގެން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ޝަހީދުވި 20 މީހުންގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި ފާއިތުވި ގަޑިއިރުތަކުގައި އިޒްރޭލުގެ އަސްކަރީ ހަރަކާތްތައް މުޅި ޣައްޒާގައި ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ޚާއްޞަކޮށް ޚާން ޔޫނިސް އާއި ޣައްޒާ ސިޓީގެ މަތިން އިޒްރޭލުގެ ޑްރޯންތައް ދަނީ މެދުނުކެނޑި އޮޕަރޭޓް ކުރަމުންނެވެ.

މި ހަމަލާތައް ދީފައިވަނީ އޮކްޓޯބަރު މަހު އިއުލާނުކުރި "ސުލްހައިގެ އެއްބަސްވުމަށް" ފަހު އެންމެ ގިނަ އަދަދަކަށް މީހުން ޝަހީދުވި ދުވަސްތަކަށް ފަހުގައެވެ. އިޒްރޭލުން ވަނީ މިހާތަނަށް 1200 އަށްވުރެ ގިނަ ފަހަރު ސުލްހައިގެ އެއްބަސްވުމާ ޚިލާފުވެ، އެތައް ސަތޭކަ އާންމުންނެއް ޝަހީދުކޮށް، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާފައެވެ.

މީގެ އިތުރުން، ހޯމަ ދުވަހު މަދު ބަޔަކަށް ދަތުރުކުރެވޭ ގޮތަށް ހުޅުވާލި ރަފަހް ބޯޑަރު ހުރަސްކޮށް، ބަލިމީހުންނާއި އަނިޔާވެފައިވާ މީހުން ބޭރަށް ފޮނުވުމަށް ހަމަޖެހިފައި އޮތް އޮތުންވެސް އިޒްރޭލުން ބުދަ ދުވަހު ވަނީ ކެންސަލްކޮށްފައެވެ. މިއީ ޣައްޒާގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް މަސްދަރުތަކުން ފާހަގަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450