ދުނިޔެ

ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާގެ ބަލިމީހުން ބޭރަށް ފޮނުވުން އިޒްރާއީލުން ހުއްޓުވައިފި، މީގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ވަނީ ނުރައްކާވެފައި

ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާގެ ބަލިމީހުން ބޭރަށް ފޮނުވުން އިޒްރާއީލުން ހުއްޓުވައިފި، މީގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ވަނީ ނުރައްކާވެފައި

ރަފާ ބޯޑަރު ހުރަސްކުރުމުގެ އިންތިޒާރުގައި ތިބި ޣައްޒާގެ ކުޑަކުދިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ފެބްރުއަރީ 2026، 09:42

04 ފެބްރުއަރީ 2026، 09:42

މި ހަފުތާގައި މަދު ބަޔަކަށް ދަތުރުކުރެވޭ ގޮތަށް ހުޅުވާލި ރަފާ ބޯޑަރު ހުރަސްކޮށް، ޣައްޒާގެ ބަލިމީހުންނާއި ޒަހަމްވެފައިވާ މީހުން ބޭރަށް ފޮނުވުމަށް ހަމަޖެހިފައި އޮތް ތިންވަނަ ބުރު އިޒްރާއީލުން ކެންސަލްކޮށްފިއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީ.އާރު.ސީ.އެސް) ގެ ތަރުޖަމާނު ވިދާޅުވީ، ރަފާ ބޯޑަރު ހުރަސްކޮށް ބަލިމީހުންނާއި ޒަހަމްވެފައިވާ މީހުން ބޭރަށް ފޮނުވުން މިއަދަށް ކެންސަލްކޮށްފައިވާކަން، އެއްވެސް ސާފު ސަބަބެއް ބަޔާންކުރުމެއް ނެތި އިޒްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މިއަދު ހެނދުނު އަންގާފައިވާ ކަމަށެވެ.

 ލޯކަލް މަސްދަރުތަކުން ބުނާ ގޮތުގައި، ބޭރަށް ދިއުމަށްޓަކައި އެމްބިއުލާންސްތަކުގައި ގިނަ ބަޔަކު އައިސް އިންތިޒާރުގައި އެބަތިއްބެވެ. 20 މަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު، އިޒްރާއީލުން ރަފަހް ބޯޑަރު މަދު ބަޔަކަށް ދަތުރުކުރެވޭ ގޮތަށް ހުޅުވާލީ ހޯމަ ދުވަހުއެވެ. ބޯޑަރު ހުޅުވި ފުރަތަމަ ދުވަހު، އިޒްރާއީލުގެ ހަރުކަށި ހުރަސްތަކާއެކު 20 ގަޑިއިރުގެ ދަތުރަކަށްފަހު ޣައްޒާއަށް ވަދެފައިވަނީ އެންމެ 12 ފަލަސްތީނު މީހުންނެވެ.

އަދި، ޣައްޒާއިން ބޭރަށް ދިއުމުގެ ހުއްދަ އިޒްރާއީލުން ދީފައިވަނީ ހާލު ސީރިއަސްވެފައިވާ އެންމެ ފަސް ބަލިމީހުންނަށެވެ. ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މުހައްމަދު އަބޫ ސަލްމިއްޔާ ހޯމަ ދުވަހު ވިދާޅުވީ، ޣައްޒާއިން ބޭރުން އަވަސް ފަރުވާ ބޭނުންވާ، ހާލު ސީރިއަސް 450 ބަލިމީހުން އެބަތިބި ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ މިއަދު ރަފާ ބޯޑަރުން ބޭރަށް ދެވޭނީ އެންމެ ފަސް ބަލިމީހުންނަށާއި އެމީހުންގެ ދެ އެހީތެރިންނަށް ކަމަށް،" އަބޫ ސަލްމިއްޔާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ބޭނުންވަނީ ބަލިމީހުންނާއި ޒަހަމްވެފައިވާ މީހުން ފަރުވާއަށް ޣައްޒާއިން ބޭރަށް ފޮނުވޭނެ ސާފު ނިޒާމެއް ގާއިމުކުރަން." ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، އިޒްރާއީލުން ބޯޑަރު ބަންދުކުރުމާ ގުޅިގެން ބޭރަށް ފަރުވާއަށް ނުދެވި އިންތިޒާރުގައި ތިއްބާ ޣައްޒާގައި މަދުވެގެން 1,268 މީހުން ވަނީ ޝަހީދުވެފައެވެ.

 ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިންޒާރު ދީފައިވަނީ، ރަފާ ބޯޑަރު ހުރަސްކޮށް ވަގުތުން ބޭރަށް ފޮނުވަންޖެހޭ ސީރިއަސް ބަލިމީހުން އެބަތިބި ކަމަށާއި، އެމީހުންގެ ފުރާނައަށް  ނުރައްކާވެފައިވާ ކަމަށެވެ.

 އަބޫ ސަލްމިއްޔާ ވިދާޅުވީ، ޣައްޒާގައި އަވަސް ފަރުވާ ބޭނުންވާ 20,000 ބަލިމީހުން އެބަތިބި ކަމަށާއި، އޭގެ ތެރޭގައި 4,500 ކުޑަކުދިން ހިމެނޭ ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި، ޒަހަމްވެފައިވާ ގާތްގަނޑަކަށް 6,000 މީހުން އަވަސް ފަރުވާއަށް ބޭރަށް ފޮނުވަން ޖެހެއެވެ. އަދި މިހާރު ބަލިމީހުން ފޮނުވާ ނިޒާމަކީ އިންތިހާއަށް ލަސް ނިޒާމެއް ކަމަށާއި، މިހާރު ތިބި ބަލިމީހުން ފޮނުވާ ނިންމަން އަހަރުތަކެއް ނަގާފާނެ ކަމަށްވެސް ބުންޏެވެ. މިނިސްޓްރީން ބުނާ ގޮތުގައި، ބަލިމީހުންގެ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ދުވާލަކު މަދުވެގެން 500 ބަލިމީހުން ބޭރަށް ފޮނުވަން ޖެހެއެވެ. ޞިއްޙީ އިދާރާތަކުން އިންޒާރު ދީފައިވަނީ، އިތުރު ފަލަސްތީނު މީހުންނަށް ވަގުތުން ބޭރަށް ދިއުމުގެ ހުއްދަ ނުދީފިނަމަ، ފަރުވާއަށް އިންތިޒާރު ކުރަމުންދާ މީހުންގެ ތެރެއިން ޝަހީދުވާ މީހުންގެ އަދަދު ވަރަށް އަވަހަށް އިތުރުވެގެންދާނެ ކަމަށެވެ.

 "އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ދުވަހަކުވެސް މީހުން ޝަހީދުވަމުން އެބަދޭ. ދުވާލަކު އެންމެ 50 ބަލިމީހުން ޣައްޒާއިން ބޭރަށް ފޮނުވުމަކީ އެކަށީގެންވާ ކަމެއް ނޫން. މިއީ ވަރަށް ނުރައްކާތެރި ހާލަތެއް، އަދި އަޅުގަނޑުމެންގެ ތެރެއިން އިތުރު ފުރާނަތަކެއް ގެއްލިގެންދާނެ،" އަބޫ ސަލްމިއްޔާ ވިދާޅުވިއެވެ.

 ގިނަ އަދަދެއްގެ ބަލިމީހުން ބޭރަށް ފޮނުވަން ޖެހެނީ އިޒްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ޞިއްޙީ ނިޒާމު "މުޅިން ސުންނާފަތިކޮށްލާފައިވާތީ" ކަމަށް އަބޫ ސަލްމިއްޔާ ވިދާޅުވިއެވެ.

 "ހޮސްޕިޓަލްތައް ހިންގަމުންދަނީ ޞިއްޙީ ސާމާނާއި މުވައްޒަފުންގެ އެންމެ މަދު މިންވަރާއެކު. އިޒްރާއީލުން ދަނީ ޞިއްޙީ ސާމާނާއި، އެމްބިއުލާންސް އަދި ވޮލަންޓިއަރ ޑޮކްޓަރުން ޣައްޒާއަށް ވަނުން ހުއްޓުވަމުން. މިތަނުގައި ބަލިމީހުންނަށް ފަރުވާދެވޭކަށް ނެތް، އަދި އެމީހުން ބޭރަށް ދިޔަ ނުދީ ހިފެހެއްޓުމަކީ އެމީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމެއް، މިއީ އިޒްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ރާވައިގެން ހިންގާ ޤަތުލްޢާންމެއް" އޭނާ އިތުރަށް ވިދާޅުވިއެވެ.

 ދުނިޔޭގެ ޞިއްޙތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމަޔަރ ކަށަވަރުކޮށްދެއްވި ގޮތުގައި، ހޯމަ ދުވަހު ޣައްޒާގެ ރަފާ ބޯޑަރު ހުރަސްކޮށް މިޞްރަށް ފޮނުވުނީ އެންމެ ފަސް ބަލިމީހުންނެވެ.

 "ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު، ޑަބްލިއު.އެޗް.އޯ އާއި ބައިވެރިންގެ އެހީތެރިކަމާއެކު ފަސް ބަލިމީހަކާއި އެމީހުންގެ ހަތް އެހީތެރިން ރަފާ ހުރަސްކޮށް މިޞްރަށް ބަދަލުކުރެވުނު،" ލިންޑްމަޔަރ ވިދާޅުވިއެވެ.

 އޭނާ ވިދާޅުވި ގޮތުގައި، އިޒްރާއީލުން ދެ އަހަރަށްވުރެ ގިނަ ދުވަހު ކުރަމުންދާ ހަނގުރާމައަށްފަހު، 18,000 އަށްވުރެ ގިނަ ބަލިމީހުން އަވަސް ފަރުވާއަށް ބޭރަށް ދިއުމަށް އިންތިޒާރު ކުރަމުން އެބަދެއެވެ. ޣައްޒާގައި ހުންނަ ފަލަސްތީނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ޒާހިރު އަލް-ވަހީދީ ވިދާޅުވީ، ރަފާ ބޯޑަރުގައި ކަންކަން ހިނގާ ގޮތް "މާ ބޮޑަށް އުނދަގޫ" ކަމަށާއި އެއީ އެދެވޭ ނަތީޖާއެއް ނުކުންނަ ގޮތެއް ނޫން ކަމަށެވެ.

"މިގޮތަށް ކަންތައް ހުރުމުން ބަލިމީހުން ބޭރަށް ފޮނުވައި، އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސްއެޅޭ،" އަލް-ވަހީދީ ވިދާޅުވިއެވެ. "މި ދުވެލީގައި ކުރިއަށްދާނަމަ، މި ހުރިހާ ބަލިމީހުން ބޭރަށް ފޮނުވުމަށް އެތައް އަހަރެއް ނަގާނެ. އެހާ ދުވަސްވާއިރު، ބޭރަށް ދެވޭނެ ފުރުސަތަކަށް އިންތިޒާރުގައި ތިއްބާ އެ އެންމެންގެ ފުރާނަ ގެއްލިދާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އޭނާ އަންދާޒާކުރާ ގޮތުގައި، ރަފާ ބޯޑަރު ބަންދުކޮށްފައި އޮންނަ ނުވަތަ މިހާރު އޮތް ދަށް މިންވަރަށް ހުޅުވާފައި އޮންނަ ކޮންމެ ދުވަހަކު، މި ސަބަބާ ހުރެ 10 މީހުން މަރުވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަރުޖަމާނު ތާރިޤް ޖަސަރެވިޗް ވިދާޅުވީ، މިޞްރާ ގުޅޭ ޣައްޒާގެ ބޯޑަރު ފުރިހަމައަށް ހުޅުވާލުމުގެ އިތުރުން، ބަލިމީހުންނަށް ހާއްސަ އެހެން ހުރިހާ "މަގުތަކެއް" ވެސް ހުޅުވާލަން ޖެހޭ ކަމަށެވެ.

 "އަޅުގަނޑުމެންނަށް އެނގޭ އެންމެ ވަގުތު ސަލާމަތްވާ އަދި ހަރަދު ކުޑަ މަގަކީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް މެދުވެރިކޮށް ބަލިމީހުން ފޮނުވުންކަން. އެތަންތަނުގައި ބަލިމީހުން ބަލައިގަތުމަށް ޞިއްޙީ ވަސީލަތްތައް ތައްޔާރަށް އެބަހުރި،" ޖަސަރެވިޗް ވިދާޅުވިއެވެ.

"ހަނގުރާމަ ފެށުނީއްސުރެ އަޅުގަނޑުމެން ދަނީ ހުރިހާ ބޯޑަރުތަކެއް ހުޅުވާލުމަށް ގޮވާލަމުން،" އޭނާ އިތުރަށް ވިދާޅުވިއެވެ. ޣައްޒާގެ އެތައް ހާސް ބަލިމީހުންނެއް ފަރުވާއަށް ބޭރަށް ދިއުމަށް އިޒްރާއީލުގެ ކަމާބެހޭ ފަރާތްތަކުގެ ސެކިއުރިޓީ ކްލިއަރެންސް ބޭނުންވާއިރު، ދެ އަހަރަށްވުރެ ގިނަ ދުވަހުގެ އަނިޔާވެރި ޢަމަލުތަކަށް ފަހު ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ކުރިއަށް ނުކުމެ، އަނިޔާވެފައިވާ އަދި ބަލިމީހުން ބަލައިގަންނަން ޖެހޭ ކަމަށް ޖަސަރެވިޗް ވިދާޅުވިއެވެ.

"ހަނގުރާމައިގެ ތެރޭގައި މިހާތަނަށް 10,000 އަށްވުރެ ގިނަ މީހުން ބޭރަށް ފޮނުވިއްޖެ. އޭގެ ތެރެއިން ގިނަ މީހުން ދިޔައީ މިޞްރަށް. އޭގެ ފަހުން ޔޫއޭއީ، ތުރުކީ އަދި ވިލާތުގެ ބައެއް ޤައުމުތަކަށް. މިހާރު އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ޣައްޒާގެ އެތެރޭގެ ޞިއްޙީ ނިޒާމު އަލުން ބިނާކުރުމަށް، އޭރުން ބޭރަށް ފޮނުވުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވާނެ." ޣައްޒާގެ ފަލަސްތީނު މީހުންނަށް، ރަފާ ބޯޑަރަކީ ޒަމާނުއްސުރެ ބޭރު ދުނިޔެއާ ގުޅުވައިދޭ ހަމައެކަނި މަގެވެ.

އިޒްރާއީލުގެ ސިފައިން 2024 ވަނަ އަހަރުގެ މެއި މަހު ބޯޑަރުގެ ފަލަސްތީނު ފަޅި ހިފައި، އެތަނުގެ އިމާރާތްތައް ސުންނާފަތިކޮށް، ދަތުރުފަތުރު ކުރުން ހުއްޓުވައި، ހާއްސަކޮށް ބަލިމީހުންނަށް އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިކުރުވިއެވެ.

އެމީހުން ވަނީ ފިލަޑެލްފީ ކޮރިޑޯގެ މުޅި ސަރަހައްދުގައި ސިފައިން ބައިތިއްބާފައެވެ. އިޒްރާއީލުން ޣައްޒާގައި ހިންގާ ޤަތުލުއާންމު ހުއްޓުވުމަށް އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ޓްރަމްޕްގެ 20 ނުކުތާގެ ސުލްހައިގެ ޕްލޭންގެ ފުރަތަމަ މަރުހަލާގައި، ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށާއި "ރަފާ ބޯޑަރު ދެކޮޅަށް ވެސް ހުޅުވާލުމަށް" އިޒްރާއީލަށް ގޮވާލާފައިވެއެވެ.

ނަމަވެސް، އިޒްރާއީލުން ވަނީ އެ އެއްބަސްވުމާ ޚިލާފުވެ، އެތައް ސަތޭކަ އާންމުންނެއް މަރައި، އިންތިހާއަށް ބޭނުންޖެހިފައިވާ އެހީތައް ހުއްޓުވުމާއެކު، އެ ބޯޑަރު ބަންދުކޮށްފައެވެ. އަދި އިޒްރާއީލުން ދަނީ ގައްޒާގެ 50 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެއް އަދިވެސް ހިފަހައްޓަމުންނެވެ.

ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު މަދުކޮށް، އެތެރެވާ މީހުންނަށްވުރެ ބޭރުވާ މީހުން ގިނަކުރުމަށް އިޒްރާއީލުން ރާވަމުންދާކަމުގެ ރިޕޯޓުތައް ވަނީ ފެންމަތިވެފައެވެ. އިޒްރާއީލުގެ އޮފިޝަލުން ތަކުރާރުކޮށް ގޮވާލަމުންދަނީ ފަލަސްތީނު މީހުން ޣައްޒާއިން މަޖުބޫރުން ބޭރުކުރުމަށާއި، އެ ސަރަހައްދު ހިފެހެއްޓުމަށާއި، އަދި ޣައިރު ގާނޫނީ އާބާދީތައް ބިނާކުރުމަށެވެ.

 ފަލަސްތީނު މީހުން ބިރުގަންނަނީ އިޒްރާއީލުގެ ކޮންޓްރޯލްގެ ދަށުން ރަފާ ބޯޑަރާ މެދު މިފަދަ ރޭވުންތަކެއް ރާވަނީ އެމީހުން ދާއިމީކޮށް ބޭރުކޮށްލުމަށް ނުވަތަ ވަގުތީ ގޮތުން ބޭރުވާ މީހުންނަށްވެސް އެނބުރި އައުން މަނާކުރުމުގެ ނިޔަތުގައި ކަމަށްވާތީއެވެ. އިޒްރާއީލުގެ ދައުލަތުގެ ބްރޯޑްކާސްޓަރު 'ކާން' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބޯޑަރު ހުޅުވާފައި ހުންނާނީ ދުވާލަކު ގާތްގަނޑަކަށް ހަ ގަޑިއިރަށެވެ.

މީގެ އިތުރުން، މިޞްރުން ޣައްޒާއަށް އެތެރެވާ ފަލަސްތީނު މީހުންނަށް ޚާއްސަކޮށް އިޒްރާއީލު ސިފައިން ވަނީ އަސްކަރީ ޗެކްޕޮއިންޓެއް ގާއިމުކޮށް، އެތަނަށް "ރެގަވިމް" ކޮރިޑޯގެ ނަމުން ނަންދީފައެވެ.

 އިޒްރާއީލުގެ ސަލާމަތީ ޚިދުމަތްތަކުގެ ބެލުމުގެ ދަށުން ހިންގާ މި ޗެކްޕޮއިންޓް ހުންނަނީ ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފާ ބޯޑަރުން ބޭރުގައި، އަސްކަރީ ކޮންޓްރޯލް އޮންނަ ސަރަހައްދެއްގައެވެ. އިޒްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އިޒްރާއީލުގެ އިންޓެލިޖެންސް އެޖެންސީތަކުން ފާސްކޮށްފައިވާ ލިސްޓުތަކާ އެތެރެވާ މީހުންގެ ވަނަވަރު ސިފައިން އަޅާކިޔާނެ ކަމަށާއި، އަދި އެމީހުންގެ މުދާ ފުރިހަމައަށް ބަލައި ފާސްކުރާނެ ކަމަށެވެ.

ޣައްޒާއަށް އެނބުރިދާ މީހުންނަށް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ލިބޭނީ ރަފަހް ބޯޑަރު ހުރަސްކޮށް، އިޒްރާއީލުގެ މި ބަލައި ފާސްކުރުންތަކުން ފާސްވުމުންނެވެ. ނަމަވެސް، ފަލަސްތީނު މީހުން ޣައްޒާއަށް އެތެރެވުމާ ޚިލާފަށް، ޣައްޒާއިން މިޞްރަށް ފަލަސްތީނު މީހުން ބޭރުވުން އިޒްރާއީލުން ބަލަހައްޓާނީ މޫނު ދެނެގަންނަ ސޮފްޓްވެއާ ބޭނުންކޮށްގެން ކޮންޓްރޯލް ރޫމަކުން ދުރުގައެވެ.

އަދި ހޯމަ ދުވަހު ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެނބުރި ދިޔަ ފަލަސްތީނު މީހުން ވަނީ، އިޒްރާއީލު ސިފައިންނާއި އިޒްރާއީލުގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުން އެމީހުންގެ ލޯމަތީގައި ފޮތިގަނޑު އަޅައި، ސުވާލުކޮށް، އަދި އަނިޔާކޮށް އިހާނެތިކޮށް ކަންތައް ކުރި ގޮތް ކިޔައިދީފައެވެ. އެތަނުން އެއް އަންހެނަކު "ވަޒަނުން ބޭރުކުރުމަށް ނޫނެކޭ" ބުނެ އަޑުއުފުލަމުން ބުނީ، އިޒްރާއީލުގެ ނިޔަތަކީ ޣައްޒާއަށް އެތެރެވާ މީހުންނަށްވުރެ ބޭރުވާ މީހުން ގިނަކުރުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450