ޚަބަރު
ރާއްޖޭގައި އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ޤާއިމުކުރުމަށް މައިންޑްކޯ އާއި ބީއެމްއެލް އިން ސޮއިކޮށްފި
މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އަދި ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ފޮޓޯ: މައިންޑްކޯ
ރާއްޖޭގެ ޑިޖިޓަލް އިންގިލާބަށް އަމާޒުކޮށް، އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ޤާއިމުކުރުމަށްޓަކައި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މައިންޑްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ސަރުކާރުން ފައްޓަވާފައިވާ 'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ މުހިންމު ބައެކެވެ. ބީއެމްއެލުން ހާމަކުރި ގޮތުގައި، މި ސެންޓަރު ޤާއިމުކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، އާންމު ޚިދުމަތްތައް ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑޭޓާގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ މަސައްކަތެކެވެ.
މި ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ އިދާރާތަކަށާއި އިޤްތިސާދީ ދާއިރާތަކަށް ރައްކާތެރިކަމާއެކު ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވެދިނުމެވެ. އަދި ޤައުމުގެ ތަރައްޤީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް، ވިލުންތެރި އިޤްތިސާދެއް ބިނާކުރުމަށް ބޭނުންވާ ޒަމާނީ ޙައްލުތައް މި ސެންޓަރު މެދުވެރިކޮށް ހޯދައިދެވޭނެއެވެ.
މި މަޝްރޫޢުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށްވެސް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން، ޓެކްނޮލޮޖީ ކުންފުނިތަކާއި އަލަށް ފަށާ ވިޔަފާރިތަކާ ގުޅިގެން، ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ޙައްލު ހޯދުމަށް އޭއައި ޓޫލްސްތައް އުފެއްދުމަށް ވަނީ ރޭވިފައެވެ.
މައިންޑްކޯއިން މި މަސައްކަތް އިސްވެ ކުރިއަށްގެންދާއިރު، ބީއެމްއެލްއިން ބައިވެރިވަނީ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައެވެ. ބޭންކުން ހޯދާފައިވާ ޑިޖިޓަލް ޕޭމެންޓް، ފައިނޭންޝަލް ޓެކްނޮލޮޖީ އަދި ޑޭޓާ އެނަލިޓިކްސްގެ ތަޖުރިބާ މި މަޝްރޫޢު ކާމިޔާބުކުރުމުގައި ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން ސަރުކާރުގެ އިދާރާތަކުން ޑޭޓާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް ފަސޭހަވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސެންޓަރުގެ އަމަލީ މަސައްކަތްތައް މިއަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމާއި ޑިޖިޓަލް އޮނިގަނޑު އެއް މިސްރާބަކަށް ގެނެވި، ޚިދުމަތްތައް ޒަމާނީވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.