ޚަބަރު
ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ފޮޓޯ:ރައީސް އޮފީސް
ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކައާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާގެ އިތުރުން އެ ޤައުމުގެ ސަރުކާރަށާއި އަވަށްޓެރި ލަންކާގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސްރީލަންކާއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ހުރި އެއް އެކުވެރިޔާއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެތައް ޤަރުނެއްވީ ދިގު ތާރީޚެއް އޮތް ބަދަހި ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ލަންކާގެ ރައްޔިތުންނަށް އަބަދުވެސް ދެމިގެންވާ އެއްބައިވަންތަކަމާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމުގެ ޤާބިލުކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގެ ރައީސަށާއި ބޮޑުވަޒީރަށް ވަކިވަކިން ޚާއްޞަ ސިޓީފުޅުތަކެއްވެސް ފޮނުއްވާފައެވެ. ލަންކާގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި، އެ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުމަށާއި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ހޯދަމުންދާ ކުރިއެރުންތައް ރައީސް ފާހަގަކުރެއްވިއެވެ.
On this joyous occasion of Sri Lanka’s 78th Anniversary of Independence, I wish to convey heartfelt greetings and best wishes to HE President Anura Kumara Disanayaka @anuradisanayake, HE Prime Minister Dr Harini Amarasuriya @Dr_HariniA, the Government and the neighbourly people… pic.twitter.com/JQaKtSf7FI
— Dr Mohamed Muizzu (@MMuizzu) February 4, 2026
އަދި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުން ކުރިއަށް އޮތް ތަނުގައިވެސް ބަދަހިވާނެކަން ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ އިތުރުން، ސަރަޙައްދީ ހަމަޖެހުމާއި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ސަރަޙައްދީ ގޮތުންނާއި ސަގާފީ ގޮތުން ނުހަނު ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. ޚާއްޞަކޮށް ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ލަންކާއަކީ ދިވެހިންނަށް ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ޤައުމެކެވެ. ރާއްޖެއިން ލަންކާއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.