ޚަބަރު
ކެންސަރު ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް އޯގާތެރި މާޙައުލެއް ގުޅިގެން ޤާއިމުކުރުން މުހިންމު : މެޑަމް ސާޖިދާ
މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް
ކެންސަރާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އޯގާތެރި އަޅާލުން ލިބޭ ފަދަ މާޙައުލެއް ޤާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ކެންސަރު ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، ކެންސަރު ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި، ބަލިން އަރައިގަނެފައިވާ ފަރާތްތަކާއި، ސިއްޙީ އެހީތެރިންގެ އިތުރުން އެ ބަލީގެ އަސަރުކޮށްފައިވާ އާއިލާތަކާއެކު މުޅި މުޖުތަމަޢު ސާބިތުކަމާއެކު ތިބިކަން ހާމަކޮށްދޭންޖެހޭ ކަމަށެވެ.
މެޑަމް ސާޖިދާގެ މެސެޖުގައި ބަލީގެ ވޭން ތަޙައްމަލުކުރާ މީހުންގެ އިޙްސާސްތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ކެންސަރު ބައްޔާ ކުރިމަތިލީ އެއްވެސް ދެ މީހެއްގެ ތަޖުރިބާއާއި ވޭން އެއްގޮތް ނުވާނެކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ބަލިމީހުންނާއި އާއިލާތަކުން ދައްކުވައިދޭ ކެތްތެރިކަމާއި އުފުލާ ތަކުލީފުތައް އޯގާތެރިކަމާއެކު ބަލައިގަތުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
On this #WorldCancerDay, we stand in solidarity with every patient, survivor, caregiver, and family affected by cancer. No two cancer journeys are the same and we recognise the realities of patients and survivors with compassion.
— First Lady Sajidha Mohamed (@sajidhaamohamed) February 4, 2026
Let us unite with empathy and purpose, honouring… pic.twitter.com/YEvRoqYgDx
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، މުސްތަޤުބަލަކީ ކެންސަރުގެ ބިރުވެރިކަމުގެ ސަބަބުން ދިރިއުޅުން ހުއްޓުމަކަށް އަންނަ ކަމެއްގެ ބަދަލުގައި، އެންމެންގެ އެހީތެރިކަމާއެކު އެބަލި ތަޙައްމަލުކުރަމުންދާ މީހުންގެ ދިރިއުޅުން އުޖާލާކުރެވޭނެ މަގެއް ހޯދައިދިނުމަށް ބާރުއަޅަންޖެހޭ ކަމަށެވެ. އެގޮތުން ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އޯގާތެރިކަމާއި އަޅާލުން ލިބޭނެ ފަދަ އެހީތެރި މާޙައުލެއް ބިނާކުރުމަށް އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގެ މުޖުތަމަޢުގައިވެސް ކެންސަރު ބަލި އިތުރުވަމުންދާތީ، ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، ދުރާލާ ބަލި ދެނެގަނެވޭނެ އިންތިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ކެންސަރު ބަލީގެ ފަރުވާ މާލެއާއި އަތޮޅުތަކުގައި ފުޅާކޮށް، ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.