ޚަބަރު
އިސްރަށްވެހިންގެ "ރަހަފަތް" މައުރަޒު ހުޅުވައިފި، ދިވެހި ސަގާފީ ރަހަތަކާއި އާދަކާދަތައް ދައްކާލަނީ
އިސްރަށްވެހިންގެ "ރަހަފަތް" މައުރަޒު ހުޅުވުން ފޮޓޯ: ޕީއެސްއެމް
ދިވެހިން ކެއުންބުއިމުގައި އިހުޒަމާނުގައި ބޭނުންކުރި އެކި އުފެއްދުންތަކާއި ސަގާފީ ކާބޯތަކެތި ދައްކާލުމަށް ބާއްވާ އިސްރަށްވެހިންގެ "ރަހަފަތް" މައުރަޒު ރަސްމީކޮށް ހުޅުވައިފިއެވެ.
މި މައުރަޒު ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ. މި މައުރަޒަކީ ދިވެހި ސަގާފީ ކާބޯތަކެއްޗާއި، ޚާއްސަކޮށް ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭނުންކުރާ ދިވެހި ރަހަތައް ދައްކާލުމަށް އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ.
މައުރަޒު ހުޅުވުމަށްފަހު މައުލޫމާތު ދެއްވަމުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، މިފަދަ ހަރަކާތެއްގެ މައިގަނޑު ބޭނުމަކީ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އުފާވެރި މާހައުލެއް ޤާއިމްކޮށްދިނުމާއި، އަންނަން އޮތް ޖީލުތަކަށް މިފަދަ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށެވެ.
ތަރިކަ މިނިސްޓްރީއާ އެކީގައި މިކުރެވޭ މަސައްކަތަކީ ކުޑަކުދިންނަށާއި ޒުވާނުންނަށް މި މައުލޫމާތު ފޯރުކޮށްދިނުން، ވަޒީރު
ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މިފަދަ މައުރަޒުތަކުގެ ސަބަބުން އިސްރަށްވެހިންގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ފަހިވާނެ ކަމަށެވެ. އަދި ކެއްކުމުގެ ތެރެއިން ދިވެހި ބަސްކޮށާރު މުއްސަނދިވެ، ކުރީގެ ނަންތައް އާލާވުމަކީ މީގެ ތައުލީމީ ފައިދާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައުރަޒުގައި ޖުމްލަ 77 ބައިވެރިން ބައިވެރިވެފައިވާއިރު، އެކި ބާވަތުގެ 2000 އަށްވުރެ ގިނަ ތަކެތި ދައްކާލުމަށް ބަހައްޓާފައިވެއެވެ. މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތާ ގުޅުވައިގެން ޚާއްސަ މާހެފުމެއް ބޭއްވުނުއިރު، އެ މާހެފުމުގައި އިސްރަށްވެހިން ވަނީ ދިވެހި ރަހަތަކުގެ 33 ބާވަތެއް ތައްޔާރުކޮށްފައެވެ. މައުރަޒުގެ ބައިވެރިންވެސް ވަނީ މިފަދަ ފުރުޞަތެއް ލިބުމުން އެކަމާ ނުހަނު އުފާކުރާކަން ހާމަކޮށްފައެވެ.
މި މައުރަޒު ކުރިއަށްދާނީ މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އާންމުންނަށް ޒިޔާރަތްކުރެވޭނެ ގަޑިތަކަކީ:
ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި: މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް.
ހުކުރު ދުވަހު: ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް.