ޚަބަރު
ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް
ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފަރޓިލިޓީ ސެންޓަރުން ހޯދާފައިވާ ތާރީޚީ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޠިމް އިބްރާހީމާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ އިސް ބޭފުޅުންނެވެ.
މި ރަސްމިއްޔާތުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި، އެ ސެންޓަރުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް ދެވޭ ޚާއްޞަ ފަރުވާތައް ކަމަށްވާ އައި.ވީ.އެފް އަދި އައި.ޔޫ.އައި ގެ ޚިދުމަތް އާސަންދައިގެ ދަށުން ހިލޭ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދާ އެއްގޮތަށް، އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް، ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުންވެސް މި ފަރުވާތައް ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ މިހާރު ހަމަޖައްސައިދީފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ 2024 ނޮވެންބަރު މަހު ހުޅުވައި ޚިދުމަތް ދޭން ފެށި ސެންޓަރެކެވެ. އެ ސެންޓަރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، އެ ތަނުގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ އައި.ވީ.އެފް ފަރުވާއިން ކާމިޔާބުވެ، 2026 ޖަނަވަރީ 7 ވަނަ ދުވަހު ފުރަތަމަ ކުއްޖާ އުފަންވުމެވެ.
މި ރަސްމިއްޔާތަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން، ވަކިން ޚާއްޞަކޮށް ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ލިބިގެންދިޔަ އުއްމީދީ އަދި ތާރީޚީ ކުރިއެރުމެއް ފާހަގަކުރުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ.