ދުނިޔެ

އިންޓަނެޓް ކަނޑާލުމުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއްޖެ

އިންޓަނެޓް ކަނޑާލުމުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއްޖެ

އިރާންގެ މާރުކޭޓެއްގެ ތެރޭގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ފެބްރުއަރީ 2026، 09:52

02 ފެބްރުއަރީ 2026، 09:52

އީރާނުގެ ސަރުކާރުން މުޅި ގައުމުން އިންޓަނެޓް ކަނޑާލުމާ ގުޅިގެން، އެ ގައުމުގެ އިގްތިސާދަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ހާމަވެއްޖެއެވެ.

 ޖެނުއަރީ 8 ވަނަ ދުވަހުގެ ރޭ ފެށި މި ބްލެކްއައުޓަކީ އީރާނުގެ ތާރީޚުގައިވެސް ހިންގި އެންމެ ވަރުގަދަ އެއް އިންޓަނެޓް މެދުކަނޑާލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ މިނިސްޓަރު ސައްތާރު ހާޝިމީ ވިދާޅުވި ގޮތުގައި، އިންޓަނެޓް ކަނޑާލާފައި އޮތް ކޮންމެ ދުވަހަކު އީރާނުގެ އިގްތިސާދަށް މަދުވެގެން 50 ޓްރިލިއަން ރިއާލް (ގާތްގަނޑަކަށް 33 މިލިއަން ޑޮލަރު) ގެ ގެއްލުން ލިބިފައިވެއެވެ. ނަމަވެސް، ހަގީގީ ގެއްލުން މިއަށްވުރެ މާ ބޮޑުވާނެ ކަމަށް އޭނާ އިއުތިރާފުވެވަޑައިގަތެވެ.

މި ބްލެކްއައުޓްގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރީ އޮންލައިންކޮށް ހިންގާ ވިޔަފާރިތަކަށާއި ޓްރެވަލް އެޖެންސީތަކަށެވެ. ތެހެރާންގައި މަސައްކަތްކުރާ ޓްރެވަލް އެޖެންޓެއް ކަމަށްވާ ސިމިން ސިއާމީ ބުނި ގޮތުގައި، ބައިނަލްއަގުވާމީ ފްލައިޓްތައް ކެންސަލްވުމާއި، ހޮޓާ ބުކިންތައް ނުހެދުމުގެ ސަބަބުން ކުންފުނީގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ އިތުރުން، އިމިގްރޭޝަން އެޖެންސީތަކަށް ބޭރުގެ ޔުނިވާސިޓީތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ގެއްލި، މުވައްޒަފުން މަޖުބޫރު ޗުއްޓީއަށް ފޮނުވަން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ސަރުކާރުން ބުނެފައިވަނީ އިންޓަނެޓް ކަނޑާލުމުގެ ނިންމުމަކީ ސަރުކާރުގެ ކޮންޓްރޯލުން ބޭރުގައި، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނިންމި ނިންމުމެއް ކަމަށެވެ. އިންޓަނެޓް ފިލްޓަރު ކުރުން މަދުކުރުމަކީ ރައީސް ޕެޒެޝްކިއާންގެ ކެމްޕޭން ވައުދަކަށް ވީނަމަވެސް، މިހާތަނަށް ހިންގި އެންމެ ބޮޑު ބްލެކްއައުޓާ ބެހޭގޮތުން އޭނާ ސީދާ ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.

މިހާރު އީރާނުގެ ބައެއް ސަރަހައްދުތަކަށް އިންޓަނެޓާއި ފޯނުގެ ހިދުމަތް އަލުން ލިބެން ފެށި ނަމަވެސް، ގިނަ ސައިޓްތަކެއް ވަނީ ބްލޮކްކޮށްފައެވެ. މީގެ ސަބަބުން އާންމުންނަށް މަޖުބޫރުވެފައިވަނީ އަގުބޮޑު ވީޕީއެން (VPN) ތައް ބޭނުންކޮށްގެން އިންޓަނެޓަށް ވަނުމަށެވެ. ސަރުކާރުން އޮންލައިން ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނި ނަމަވެސް، ގިނަ ވިޔަފާރިތަކަކަށް މިހާރުވެސް ވަނީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450