ދުނިޔެ
ޣައްޒާގެ ދެކުނުގައި އިޒްރާއީލު ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 3 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ޣައްޒާގެ ޝަހީދެއްގެ ޢާއިލާއެއް
ޣައްޒާގެ ދެކުނުގައި ރެފިއުޖީން ދިރިއުޅެމުންދާ ފޭލިގެތަކަކަށް އިޒްރާއީލުގެ ކަނޑުގެ ސިފައިން ދިން ހަމަލާއެއްގައި، ފަލަސްތީނުގެ އުމުރުން އެންމެ ތިން އަހަރުގެ ފިރިހެން ކުއްޖަކު މިއަދު ހެނދުނު ޝަހީދުކޮށްލައިފިއެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން ގާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން އަނެއްކާވެސް ޚިލާފުވި ހާދިސާއެކެވެ.
މި ހަމަލާގައި ޝަހީދުވެފައިވަނީ އިޔާދު އަހުމަދު ނައީމް އަލް-ރަބާއީ އެވެ. އޭނާ ޝަހީދުވީ ޣައްޒާގެ އަލް-މަވާސީ ސަރަހައްދުގައި ރެފިއުޖީން ދިރިއުޅެމުންދިޔަ ފޭލިގެތަކަށް އިޒްރާއީލުގެ މަނަވަރުތަކުން ބަޑީގެ ހަމަލާތަކެއް ދިނުމުގެ ސަބަބުންނެވެ.
ޚާން ޔޫނިސްގެ އައްސޭރިފަށުގައި އޮންނަ އަލް-މަވާސީ ސަރަހައްދަކީ އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް ހިމާޔަތް ހޯދަމުންދާ ސަރަހައްދެކެވެ. އިޒްރާއީލުން ކުރިން އެ ސަރަހައްދަކީ "އިންސާނީ ރައްކާތެރި ސަރަހައްދެއް" ކަމަށް ކަނޑައެޅި ނަމަވެސް، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް އިޒްރާއީލުން ދަނީ ތަކުރާރުކޮށް ހަމަލާދެމުންނެވެ.
އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން މިހާތަނަށް 1000 އަށްވުރެ ގިނަ ފަހަރު ޚިލާފުވެފައިވެއެވެ. މި އަމަލުތަކުގެ ސަބަބުން ސަތޭކައަށްވުރެ ގިނަ އާންމުން މަރުވެފައިވާއިރު، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އިޒްރާއީލުން ދަނީ ހުރަސް އަޅަމުންނެވެ.
މި ހަމަލާ ދީފައިވަނީ އިޒްރާއީލުގެ އަސްކަރިއްޔާ ޣައްޒާގެ ދެކުނުގައި ހަރަކާތްތެރިވާ ސަރަހައްދުން ބޭރުގައެވެ. އިޒްރާއީލުން އަދިވެސް ދަނީ ޣައްޒާގެ 50 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެއް ހިސާރުކޮށްގެން ބާރު ފޯރުވަމުންނެވެ.