ޚަބަރު
100 ރުފިޔާގެ އައު ސްޓޮކެއް ރާއްޖެ ގެނެސްފި
100 ރުފިޔާގެ 2024 ވަނަ އަހަރު ގެ ޗާޕްގެ ތެރެއިން
ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 100 ރުފިޔާގެ ނޫޓުގެ އައު ސްޓޮކެއް މިއަދު ރާއްޖެ ގެނެސްފިއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، 100 ރުފިޔާގެ އައު ސްޓޮކެއް ގެނައީ އެ އޮތޯރިޓީގެ ސްޓޮކްގައި ހުރި 100 ރުފިޔާގެ ނޫޓުތައް މަދުވަމުންދާތީ ކަމަށެވެ. މިއީ ދައުރުވަމުންދާ ފައިސާގެ ތެރޭގައި ހުރި ބޭނުންކުރަން ނުކުޅޭވަރަށް ބާވެފައިވާ ނޫޓުތައް ބަދަލުކުރުމަށާއި، ބާޒާރުގައި ފައިސާ ދައުރުވުމަށް ބޭނުންވާ މިންވަރު ހިފެހެއްޓުމަށްޓަކައި ގެނައި ސްޓޮކެކެވެ.
މިފަހަރު އަލަށް ޗާޕުކޮށްގެން ގެނައީ ޖުމްލަ ކިހާ އަދަދެއްގެ ފައިސާކަމެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ފައިސާ މިހާރު ވަނީ ދައުލަތުގެ ޚަޒާނާގައި ރައްކާކުރެވިފައެވެ.
ރާއްޖޭގައި ކުރިން ބޭނުންކުރަމުން އައި ކަރުދާސް ފައިސާ ބޭނުންކުރުން ހުއްޓާލައި، ޕޮލިމާ ކަރުދާހުގައި ތައްޔާރުކޮށްފައިވާ "ރަންދިހަފަހެއް" ނޫޓު ސީރީޒް ތައާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު ރަންޔޫބީލް މުނާސަބަތާ ގުޅުވައިގެން ނެރުނު މި ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1000 ރުފިޔާގެ ނޫޓެވެ.
މި ނޫޓުތަކަކީ އާދައިގެ ކަރުދާސް ނޫޓުތަކަށްވުރެ ދިގު މުއްދަތަކަށް ގެންގުޅެވޭ، އަދި ފޯޖުކުރަން އުނދަގޫ ސަލާމަތީ ގިނަ ފީޗާތަކެއް އެކުލެވޭ ނޫޓުތަކެކެވެ.