ޚަބަރު
ސިޓީތަކާ ބެހޭ ވުޒާރާއާއި އެންޑީއެމްއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ، އެންޑީއެމްއޭއިން ކުރިއަށްގެންދާ ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒުކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން އެކުލަވާލެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސިޓީތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ މުއުމިނާ ވަޙީދެވެ. އަދި އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކިޓިވް ހިސާން ޙަސަންއެވެ. މި އެއްބަސްވުމުގައިވާ ގޮތުން ސިޓީތަކާއި، އަތޮޅުތަކުގައި ރަށު ފެންވަރުގައި ހިންގާ ވޯކްޝޮޕްތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި، ކޮމިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމްތަކުގެ ތަމްރީނާއި، ޓީމްތައް އެކުލަވައިލުމުގެ މަސައްކަތްތަކުގައި އެ ވުޒާރާގެ އެއްބާރުލުމާއި އެހީތެރިކަން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގައި ހިމެނޭ ކަންކަން ވިލަރެސްކުރުމަށްޓަކައި ދެ މުއައްސަސާސިން ވެސް ފޯކަލް ޕޮއިންޓެއް ކަނޑައަޅައި ގޮތަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.