ދުނިޔެ
އެންސައިކްލޮޕީޑިއާ ބްރިޓޭނިކާގެ ކުޑަކުދިންގެ ފިލާވަޅުތަކުން އިޒްރާއީލް އުނިކޮށް ފަލަސްޠީނު ހިމަނައިފި
ފަލަސްތީނުގެ ހައްޤުގައި އަޑު އުފުލުމަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ އިތުބާރުހުރި އެއް އެންސައިކްލޮޕީޑިއާ ކަމަށްވާ އެންސައިކްލޮޕީޑިއާ ބްރިޓޭނިކާގެ ކުޑަކުދިންނަށް ހާއްސަ އެޑިޝަންގައި، އިޒްރާއީލް އުނިކޮށް އެ ސަރަހައްދަކީ ފަލަސްތީނު ކަމަށް ބަޔާންކޮށްފިއެވެ.
ނަމަވެސް، އިޒްރާއީލަށް ތާއީދުކުރާ ގާނޫނީ ވަކީލުންގެ ޖަމާއަތަކުން ދިން ފިއްތުންތަކާ ގުޅިގެން ބްރިޓޭނިކާއިން މިހާރު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން، ބްރިޓޭނިކާ ކިޑްސް އެޑިޝަންގައި ޝާއިއުކޮށްފައިވާ ޗާޓެއްގައި އިޒްރާއީލުގެ ނަން އުނިކޮށް، މުޅި އެ ސަރަހައްދަކީ ފަލަސްތީނު ކަމަށް ވަނީ ދައްކާފައެވެ. އެ ޗާޓުގެ ކެޕްޝަންގައި ބުނެފައިވަނީ "ފަލަސްތީނަކީ މެދުއިރުމަތީގެ ސަރަހައްދަކަށް ކިޔާ ނަމެއް" ކަމަށާއި، އެ ސަރަހައްދު އޮންނަނީ އުރުދުން ކޯރާއި މެޑިޓެރޭނިއަން ކަނޑާ ދެމެދުގައި ކަމަށެވެ.
މި މައްސަލައިގައި އިނގިރޭސިވިލާތުގެ ޔޫކޭ ލޯޔާސް ފޯ އިސްރާއީލް (ޔޫކޭއެލްއެފްއައި) އިން ވަނީ ބްރިޓޭނިކާގެ އެމެރިކާގެ ޕަބްލިޝަރުންނަށް ސިޓީއެއް ފޮނުވާފައެވެ. އެ ޖަމާއަތުން ބުނެފައިވަނީ ބްރިޓޭނިކާގެ މައުލޫމާތުތަކުން "ކޯރާއި ކަނޑާ ދެމެދު" (from the river to the sea) ފަލަސްތީނު އޮންނަ ކަމަށް ބުނާ ބުނުމަށް ހިތްވަރު ލިބޭ ކަމަށާއި، މިއީ ތާރީޚީ ގޮތުން ނުބައި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޔޫކޭއެލްއެފްއައި އަކީ 2011 ވަނަ އަހަރު އުފެދުނީއްސުރެ، އިޒްރާއީލުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނުވަތަ ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކަށް ފިއްތުންތައް ކުރިމަތިކުރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމާއަތެކެވެ. އެ ޖަމާއަތުން ތުހުމަތުކުރި ގޮތުގައި ބްރިޓޭނިކާއިން މަސައްކަތް ކޮށްފައިވަނީ ޒަމާނީ ސިޔާސީ މެސެޖެއް ފެތުރުމަށެވެ.
މި ފިއްތުންތަކާ ގުޅިގެން، ބްރިޓޭނިކާއިން ވަނީ އެ ލިޔުންތަކަށް ބަދަލު ގެނެސްފައެވެ. އަލަށް ގެނައި ބަދަލުގައި ބުނެފައިވަނީ "މިއަދު އިޒްރާއީލް ދައުލަތާއި، ހުޅަނގު އައްސޭރި އަދި ޣައްޒާ އޮންނަނީ މި ސަރަހައްދުގައި" ކަމަށެވެ. އަދި ކުރިން ހުރި ބައެއް ޗާޓުތައް މިހާރު ވަނީ އުނިކޮށްފައެވެ.
އެންސައިކްލޮޕީޑިއާ ބްރިޓޭނިކާގެ އެގްޒެކެޓިވް އެޑިޓަރ ތިއޯޑޯ ޕަޕަސް ވިދާޅުވީ، ވޭތުވެދިޔަ 250 އަހަރު ބްރިޓޭނިކާ މަޝްހޫރުވެފައިވަނީ ވަކި ފަރާތަކަށް ނުޖެހޭ، ސައްހަ މައުލޫމާތު ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ޔޫކޭއެލްއެފްއައި އިން ހުށަހެޅި މައްސަލަތައް އިތުރަށް ދިރާސާކޮށް، ބޭނުންވާ ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.