ޚަބަރު
ފާއިތުވި 48 ގަޑިއިރު ތެރޭ ހުޅުމާޅެއިން 14 އުޅަނދެއް ފުލުހުން ޓޯކޮށްފި
ޓޯވކުރުން/ފޮޓޯ: ފުލުހުން
ފާއިތުވި 48 ގަޑިއިރު ތެރޭ ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ 14 އުޅަނދެއް ޓޯކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހުޅުމާލެއިން ޖުމްލަ 14 ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓޯކުރި 14 އުޅަނދުގެ ތެރެއިން 1 ވެހިކަލެއް ޓޯކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް ޕާކްކުރުުގެ ސަބަބުންނެވެ. އަދި ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން 11 ވެހިކަލް ޓޯކޮށްފައިވާއިރު، އޭގެ ތެރޭގައި 10 ސައިކަލާއި 1 ކާރު ހިމެނޭކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން 1 ވެހިކަލް ޓޯކޮށްފައިވާއިރު، އެކްސިޑެންޓްވުމުގެ ސަބަބުން ވެސް އުޅަނދެއް ވަނީ ޓޯކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދެ ފުރޮޅުލީ 32 އުޅަނދާއި ހަތަރު ފުރޮޅުލީ 14 އުޅަނދު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.