ދުނިޔެ
ޣައްޒާގެ ދެކުނުގައި އިޒްރާއީލް ސިފައިން ދިން ހަމަލާއެއްގައި 17 އަހަރުގެ ފަލަސްތީނު ކުއްޖަކު ޝަހީދުކޮށްލައިފި
ޣައްޒާގެ އާއިލާއެއް
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހޯމަ ދުވަހުގެ ހެނދުނު އިޒްރާއީލް ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިއީ އިޒްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި އެ އާއިލާއިން ޝަހީދުވި ތިންވަނަ ފިރިހެން ދަރިފުޅެވެ.
ލޯކަލް މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އިޒްރާއީލް ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައިވަނީ އުމުރުން 17 އަހަރުގެ ހުސައިން އަބޫ ސަބަލާ އެވެ. އޭނާ ޝަހީދުކޮށްލާފައިވަނީ ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދުގައި އިޒްރާއީލުން ދިން ބަޑީގެ ހަމަލާތަކެއްގައެވެ.
މަސްދަރުތަކުން އިތުރަށް ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ގަތުލުއާންމުގައި މިހާތަނަށް ހުސައިންގެ އިތުރު ދެ ބޭބެއަކު ވެސް ވަނީ ޝަހީދުކޮށްލާފައެވެ. އޮކްޓޯބަރު މަހުގެ ކުރީކޮޅު އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން 1،000 އަށްވުރެ ގިނަ ފަހަރު ޚިލާފުވެފައިވާ އިރު، މި އަމަލުތަކުގެ ސަބަބުން އެތައް ސަތޭކަ އާންމުންނެއް ވަނީ މަރުވެފައެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް އިޒްރާއީލުން ދަނީ ހުރަސް އަޅަމުންނެވެ.
މި ހަމަލާ ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭންގެ ދެވަނަ މަރުހަލާއަށް ބަދަލުވާނެކަން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ޕްލޭންގެ ދަށުން ފަލަސްތީނުގެ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ޓެކްނޮކްރެޓިކް ކޮމިޓީއެއް އުފެއްދުމަށް ހަމާސްއިން ވަނީ މަރުހަބާ ކިޔާފައެވެ. މި ކޮމިޓީ މަސައްކަތް ކުރާނީ ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާ "ބޯޑް އޮފް ޕީސް" ގެ ބެލުމުގެ ދަށުންނެވެ.
ނަމަވެސް، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) ހޯދަން ބޭނުންވެފައިވާ އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިދިޔަ ހޮނިހިރު ދުވަހު މި ޕްލޭނާ ދެކޮޅު ހަދާފައެވެ. ޣައްޒާގައި ހިންގަމުންދާ މި ގަތުލުއާންމު ހުއްޓުމެއް ނެތި ކުރިއަށްދާއިރު، އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.