ދުނިޔެ

ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ގައުމުތަކުން 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި

ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ގައުމުތަކުން 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި

ޑޮނަލްޑް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 09:04

18 ޖެނުއަރީ 2026، 09:04

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލަށް އުފައްދަވާ "ބޯޑް އޮފް ޕީސް" ގެ ދާއިމީ މެންބަރުކަން ބޭނުންވާ ގައުމުތަކުން މަދުވެގެން 1 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ބްލޫމްބާގް ނިއުސް އިން ހޯދާފައިވާ އެ ބޯޑުގެ ޗާޓަރުގެ ޑްރާފްޓަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބޯޑުގެ ފުރަތަމަ ޗެއާމަންގެ މަގާމު ފުރުއްވާނީ ޓްރަމްޕް އެވެ. އަދި ބޯޑުގައި ބައިވެރިވާނެ ގައުމުތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު އޮންނާނީ ޓްރަމްޕަށެވެ.

މި ބޯޑުގެ ނިންމުންތައް ނިންމުމަށް ހަމަޖެހިފައިވަނީ މެންބަރު ގައުމުތަކުގެ މެޖޯރިޓީ ވޯޓުން ކަމަށްވީ ނަމަވެސް، ކޮންމެ ނިންމުމަކަށް ޗެއާމަންގެ ހުއްދަ ހޯދަން ޖެހޭނެއެވެ. ޗާޓަރުގައިވާ ގޮތުން މެންބަރުކަމުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ. ނަމަވެސް ފުރަތަމަ އަހަރު 1 ބިލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ ދައްކާ ގައުމުތަކަށް ދާއިމީ މެންބަރުކަން ލިބިގެންދާނެއެވެ. މީގެ އިތުރުން ބޯޑުގެ ރަސްމީ ސީލް ފާސްކުރުމުގެ ބާރުވެސް އޮންނާނީ ޓްރަމްޕަށެވެ.

މި މަޝްރޫއަކީ ޓްރަމްޕް އަބަދުވެސް ފާޑުވިދާޅުވާ އދ. އަށް ބަދަލުގައި އުފައްދާ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ގޮތުގައި ބެލެވެއެވެ. ޗާޓަރުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބޯޑުގެ މަގްސަދަކީ ދުނިޔޭގެ ހަމަޖެހުން ގާއިމުކުރުމާއި، ގާނޫނީ ހިންގުން އިއާދަކުރުމުގެ އިތުރުން ހަނގުރާމައިގެ ނުރައްކާ އޮތް ސަރަހައްދުތަކުގައި ސުލްހަ ގާއިމުކުރުމެވެ. މި ބޯޑު ރަސްމީކޮށް އިފްތިތާހު ކުރެވޭނީ މަދުވެގެން ތިން ގައުމަކުން މި ޗާޓަރުގައި ސޮއިކުރުމުންނެވެ.

މި ބޯޑުގެ ދަށުން ޣައްޒާގެ ސުލްހައަށް ހާއްސަ ޕެނަލެއްގައި ބައިވެރިވުމަށް އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި އާއި ކެނެޑާގެ މާކް ކާނީ ފަދަ ލީޑަރުންނަށް ޓްރަމްޕް ވަނީ ދައުވަތު އަރުވާފައެވެ. ޔޫރަޕްގެ ބައެއް ގައުމުތަކަށްވެސް ދައުވަތު ދީފައިވާއިރު، ބޯޑުގެ ފަންޑުތައް ކޮންޓްރޯލް ކުރުމުގެ ބާރު ހަމައެކަނި ޓްރަމްޕަށް އޮންނާތީ ބައެއް އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑްރާފްޓްގައިވާ ގޮތުން ޓްރަމްޕަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އޭގެ ތެރޭގައި ބައްދަލުވުންތަކުގެ އެޖެންޑާ ފާސްކުރުމާއި، ކުއްލި ބައްދަލުވުންތައް ބޭއްވުމާއި، މެންބަރުން ވަކިކުރުމުގެ ބާރު ހިމެނެއެވެ. ނަމަވެސް މެންބަރަކު ވަކިކުރުމަށް ނިންމާ ނިންމުން ބޯޑުގެ ތިންބައިކުޅަ ދެބައި މެޖޯރިޓީން ވީޓޯ ކުރެވިދާނެއެވެ. އަދި ޓްރަމްޕްގެ ފަހުން އެ މަގާމަށް އަންނާނެ މީހަކު ކަނޑައަޅާނީވެސް އޭނާ އަމިއްލަފުޅަށެވެ.

ވައިޓް ހައުސްއިން މިދިޔަ ހުކުރު ދުވަހު ވަނީ މި ބޯޑުގެ ފުރަތަމަ އެގްޒެކެޓިވް ޕެނަލް އިއުލާންކޮށްފައެވެ. މި ޕެނަލްގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، މިޑްލް އީސްޓް އެންވޯއީ ސްޓީވް ވިޓްކޮފް، ޓްރަމްޕްގެ ޅީދަރިފުޅު ޖެރެޑް ކުޝްނާ އަދި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހިމެނިވަޑައިގަންނަވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450