ދުނިޔެ
ޣައްޒާގައި ފިނިގަދަވުމުގެ ސަބަބުން ފޭލިގެއެއްގެ ތެރޭގައި އަނެއްކާވެސް ތުއްތު ކުއްޖަކު ޝަހީދުވެއްޖެ
ޣައްޒާގައި ގަދަ ފިނީގެ ސަބަބުން ޝަހީދުވި ތުއްތު ކުއްޖެއްގެ ފޮޓޯއެއް
އިސްރާއީލުން ޣައްޒާ ހިސާރުކޮށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އާއިލާތަކުން ދިރިއުޅެމުންދާ ފޭލިގެއެއްގެ ތެރޭގައި، ފިނިގަދަވުމުގެ ސަބަބުން ތުއްތު ކުއްޖަކު ޝަހީދުވެއްޖެއެވެ.
މިއީ މި ހިނގާ ފިނި މޫސުމުގައި ފިނީގެ ސަބަބުން ޣައްޒާގައި ޝަހީދުވި އަށްވަނަ ކުއްޖާއެވެ.
ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި ހުރި ފޭލިގެއެއްގައި ޝަހީދުވެފައިވަނީ އުމުރުން އެންމެ 27 ދުވަހުގެ އައިޝާ އަލް-އަޣާއެވެ. ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ކުއްޖާއަކީ އެއްވެސް ބައްޔެއް ނުވަތަ އަނިޔާއެއް ލިބިފައިވާ ކުއްޖެއް ނޫނެވެ. ނަމަވެސް، ރޭގަނޑުގެ ވަގުތުގައި ފިނިގަދަވުމުގެ ސަބަބުންނާއި، ހޫނުކަން ދޭނެ ވަސީލަތްތަކާއި އެކަށީގެންވާ ހިޔާވައްސެއް ނެތުމުގެ ސަބަބުން އެ ކުއްޖާ ވަނީ ނިޔާވެފައެވެ.
އައިޝާގެ ބައްޕަ ކިޔައިދިން ގޮތުގައި، ނިދަން އޮށޯތްއިރު އެ ކުއްޖާގެ ހާލު ރަނގަޅެވެ. ނަމަވެސް ފަތިސް ވަގުތު ހޭލިއިރު ފިނީގެ ސަބަބުން ކުއްޖާގެ ހަށިގަނޑު އޮތީ ގަނޑުވެފައެވެ. އައިޝާގެ މަންމަ ބުނި ގޮތުގައި، މުޅި ރޭގަނޑު ކުއްޖާ ހޫނުކޮށް ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް، ކުއްޖާގެ ތުންފަތުގެ ކުލަ ބަދަލުވެ ހަށިގަނޑު ހަރުވީއެވެ. އެ ކުއްޖާ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ގެންދިޔައިރުވެސް އޮތީ ޝަހީދުވެފައެވެ.
އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން ފޭލިގެއާއި، މޮބައިލް ހޯމްތަކާއި، ފިނި މޫސުމަށް ބޭނުންވާ ސާމާނު އެތެރެކުރުމަށް ވަނީ ހުރަސްއެޅިފައެވެ. މީގެ ސަބަބުން އެތައް ހާސް އާއިލާއެއް ވަނީ ގަދަ ފިންޏަށް ހުށަހެޅިފައެވެ. ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، މި ހަނގުރާމަ ފެށުނު ފަހުން ފިނީގެ ސަބަބުން 24 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަލަށް އުފަންވާ ކުދިންނާއި ދުވަސް ނުފުރާ ވިހާ ކުދިންނެވެ.
ނާސިރު ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓްގެ ވެރިޔާ ޑރ. ހާތިމް ޛަހީރު ވިދާޅުވި ގޮތުގައި، ތުއްތު ކުއްޖެއްގެ ހަށިގަނޑުގެ ފިނިހޫނުމިން 33 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށަށް ގޮސްފިނަމަ ސަލާމަތްވުމުގެ ފުރުސަތު ކުޑަވެއެވެ. "މި ހާލަތުގައި ހައިޕޯތާމިއާގެ ސަބަބުން ސިކުނޑިއަށް ނުވަތަ ފުއްޕާމެއަށް ލޭ ފޭބުމުގެ ފުރުސަތު އޮވޭ،" އޭނާ ވިދާޅުވިއެވެ.
ޣައްޒާގައި މިހާރު ކުރިއަށްދާ ފިނި މޫސުމުގެ ތޫފާންތަކުގެ ސަބަބުން އެތައް ސަތޭކަ ފޭލިގެއެއްގައި ފެންބޮޑުވެފައިވާއިރު، ކުރިން ގެއްލުން ލިބިފައިވާ އިމާރާތްތައް ވެއްޓި އިތުރު މީހުންނަށް އަނިޔާވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ޣައްޒާގައި އޮތް އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާ ކަމުގެ ހެއްކެކެވެ.