ދުނިޔެ
ސޫރިޔާ ސިފައިން ދީރުއްޒޫރުގެ ތެޔޮ ވަޅުތަކުގެ ކޮންޓްރޯލް ހޯދައި ކުރިއަރަން ފަށައިފި
ސީރިޔާގެ ޢަސްކަރީ ސިފައިން
ސޫރިޔާގެ ސިފައިން އެގައުމުގެ އިރުމަތީގައިވާ ދީރުއްޒޫރު ޕްރޮވިންސްގެ ފުރާތު ކޯރުގެ ހުޅަނގު އައްސޭރިން ސީރިއަން ޑިމޮކްރެޓިކް ފޯސަސް (ކިއުއެސްޑީ) ބޭރުކޮށް، އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފިއެވެ.
އަސްކަރީ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ސޫރިޔާ ސިފައިން މިހާރު ވަނީ ދީރުއްޒޫރުގެ ރީފްގައިވާ އައްޝުހައިލް ސިޓީގެ ކޮންޓްރޯލް ވެސް ނަގާފައެވެ.
މި ކުރިއެރުންތަކާއެކު، ސޫރިޔާ ސިފައިން ވަނީ އެ ސަރަހައްދުގައިވާ މުހިންމު ތެޔޮ އަދި ގޭސް ވަޅުތަކެއްގެ ކޮންޓްރޯލް ހޯދާފައެވެ. އޭގެ ތެރޭގައި އިސްތިރާތީޖީ ގޮތުން މުހިންމު އަލް-އުމަރު ތެޔޮ ވަޅުގެ އިތުރުން، އައްތަނަކް، ކޮނިކޯ، އަލް-ޖަފްރާ، އަދި އަލް-އަޒްބާ ފަދަ ވަޅުތައް ހިމެނެއެވެ. ސޫރިޔާގެ ގައުމީ ތެޔޮ ކުންފުނިން ބުނެފައިވަނީ ސަލާމަތީ ކަންކަން ފުރިހަމަވުމާއެކު ތެޔޮ އުފެއްދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.
ދީރުއްޒޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އާންމުންގެ ސަލާމަތަށްޓަކައި އެ ޕްރޮވިންސްގެ ސަރުކާރުގެ ހުރިހާ އިދާރާތަކެއް މިއަދު ވަނީ ބަންދުކޮށްފައެވެ. އަދި ފުރާތު ޔުނިވަރސިޓީގެ އިމްތިހާނުތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. މީގެ އިތުރުން، ކިއުއެސްޑީގެ ބާރުގެ ދަށުގައި ހުރި އަލް-ކަސްރާ ޖަލުން 200 އަށްވުރެ ގިނަ ގައިދީން މިހާރު ވަނީ މިނިވަންވެފައެވެ.
ސޫރިޔާގެ ރަގަޅާ ޕްރޮވިންސްގައި ކިއުއެސްޑީން ވަނީ ފުރާތު ކޯރުގެ މަތީގައިވާ އަލް-ރަޝީދު ބްރިޖާއި ބައު ބްރިޖް ގޮއްވާލާފައެވެ. މިއީ ސޫރިޔާ ސިފައިން ތަބަގާ އަސްކަރީ އެއާޕޯޓް ހިފައި، ރަގަޅާ ސިޓީއާ ދިމާލަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައެވެ. ކިއުއެސްޑީން ވަނީ އާންމުންނަށް ނަފީރުލް އާއްމު (އާންމު ތެދުވުމަކަށް) ގޮވާލާފައެވެ.
ދީރުއްޒޫރުގެ ގަވަރުނަރު ޣައްސާން އައްސައްޔިދު އަހުމަދު ވިދާޅުވީ، ކިއުއެސްޑީން އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތައް ދެމުންދާ ކަމަށާއި، މިފަދަ ޖަރީމާތަކަށް ހައްގު އަދަބު ދެވޭނެ ކަމަށެވެ. އަދި މި ހަމަލާތަކަކީ އެ ސަރަހައްދުގެ ގަބީލާތަކުން ސޫރިޔާގެ އެއްބައިވަންތަކަމަށް ގޮވާލައި ސަރުކާރާ ގުޅެމުންދާތީ ދޭ ހަމަލާތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އަނެއްކޮޅުން، ކިއުއެސްޑީގެ އިދާރާއިން ބުނެފައިވަނީ ސޫރިޔާ ސަރުކާރުން އެއްބަސްވުންތަކާ ހިލާފުވެ، އެކި ފްރަންޓްލައިންތަކުގައި އެމީހުންނަށް ހަމަލާދެމުންދާ ކަމަށެވެ. މިހާރުވެސް ދީރުއްޒޫރުގެ ބައެއް ސަރަހައްދުތަކުގައި ދެފަރާތުގެ މެދުގައި ވަރުގަދަ ހަމަލާ ބަދަލުކުރުންތައް ދަނީ ކުރިއަށެވެ.