ދުނިޔެ

އެމެރިކާގެ ހަމަލާގެ އިންޒާރުތަކާ ގުޅިގެން ބަންދުކުރުމަށްފަހު އީރާނުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި

އެމެރިކާގެ ހަމަލާގެ އިންޒާރުތަކާ ގުޅިގެން ބަންދުކުރުމަށްފަހު އީރާނުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި

އިރާންގެ އެއަރލައިނެއްގެ އެއަރބަސް އޭ320ގެ ބޯއްޓެއް އީރާނުގެ ވައިގެ ސަރަހއްދުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖެނުއަރީ 2026، 02:06

15 ޖެނުއަރީ 2026، 02:06

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެއްވަމުން ގެންދަވާ ހަމަލާގެ އިންޒާރުތަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ބަންދުކުރި އީރާނުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފިއެވެ.

އެމެރިކާގެ އޭވިއޭޝަން އިދާރާތަކުން ބުނާ ގޮތުގައި މި ބަންދުކުރުމަކީ އެމެރިކާއިން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން ނެރުނު ނޯޓިސްތަކުގައިވާ ގޮތުން، ބުރާސްފަތި ދުވަހުގެ ފަތިހު ދެ ފަހަރެއްގެ މަތިން އީރާނުގެ ވައިގެ ސަރަހައްދު ގިނަ ފްލައިޓްތަކަކަށް ބަންދުކުރިއެވެ. މިގޮތުން އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (ސީ.އޭ.އޯ) ގެ ހާއްސަ ހުއްދައެއް ނެތް އެއްވެސް ކޮމާޝަލް ފްލައިޓަކަށް އެ ވަގުތުތަކުގައި އީރާނުގެ ވައިގެ ސަރަހައްދަށް ވަނުން އޮތީ މަނާކޮށްފައެވެ.

ފްލައިޓްތައް ޓްރެކްކުރާ ހިދުމަތެއް ކަމަށްވާ ފްލައިޓްރޭޑާ އިން ދެއްކި ގޮތުގައި، ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތް ވަގުތު އީރާނުގެ މަތިން އުދުހެމުން ދިޔައީ އެންމެ ތިން ބޯޓެވެ. ނަމަވެސް އީރާނުގެ ބޯޑަރު ކައިރީގައި ގިނަ އަދަދެއްގެ ބޯޓުތައް މަޑުކޮށްގެން ތިބިކަން ފާހަގަކުރެވުނެވެ. އީރާނުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލާފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 7:00 ހާއިރުއެވެ.

މި ނުތަނަވަސްކަން އުފެދިފައިވަނީ އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސިފައިން ބާރުގެ ބޭނުންކޮށް މީހުން މަރަމުންދާތީ، އެމެރިކާގެ ރައީސް ޓްރަމްޕް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ގަތަރުގައި ހުންނަ އަލް އުދައިދު އެއާ ބޭސްގައި ތިބި ބައެއް ސިފައިން އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ބޭރުކޮށްފައެވެ. އީރާނުން ބުނެފައިވަނީ އެމެރިކާއިން ހަމަލާއެއް ދީފިނަމަ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށެވެ.

އޭވިއޭޝަން ސަލާމަތާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ އޮޕްސްގްރޫޕުން ހިންގާ ސޭފް އެއާސްޕޭސް ވެބްސައިޓުން އިންޒާރު ދީފައިވާ ގޮތުގައި، މިފަދަ ވައިގެ ސަރަހައްދު ބަންދުކުރުންތަކަކީ އަސްކަރީ ހަރަކާތްތަކެއް ހިނގައިފާނެ ކަމުގެ ނިޝާނެކެވެ. އަދި މިފަދަ ހާލަތްތަކުގައި މިސައިލް ހަމަލާތަކުގެ ސަބަބުން އާންމު ފްލައިޓްތައް އޮޅުމަކުން އަސްކަރީ އަމާޒެއްގެ ގޮތުގައި ބެލެވި ހަމަލާ އަމާޒުވުމުގެ ނުރައްކާ ބޮޑުވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ ކުރިން 2020 ވަނަ އަހަރުވެސް އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރޭގައި، އީރާނުގެ ސިފައިން ވަނީ އޮޅުމަކުން ޔޫކްރެއިންގެ ފްލައިޓަކަށް ހަމަލާދީ ވައްޓާލާފައެވެ. އެ ހާދިސާގައި ބޯޓުން ދަތުރުކުރި 176 މީހުން ވަނީ މަރުވެފައެވެ. އޭރު އީރާނުން ބުނެފައިވަނީ އެ ބޯޓަކީ ދުޝްމަނުންގެ ހަމަލާއެއް ކަމަށް އޮޅިގެން މިސައިލް ފޮނުވާލެވުނީ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450