ދުނިޔެ
މުޒާހަރާކުރާ މީހުންނަށް މަރުގެ އަދަބު ނުދޭނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ
އިރާންގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޣްޗީ އަދި ސަޢުދީޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން
އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އަރަގްޗީ މިހެން ވިދާޅުވީ، އީރާނުގައި މުޒާހަރާކުރާ މީހުން މެރުން ހުއްޓާލާފައިވާ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ.
ބުދަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، މުޒާހަރާކުރާ މީހުން ދަންޖެއްސުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށެވެ. "ދަންޖެއްސުމަކީ އެއްގޮތަކަށްވެސް ކުރާނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. މިއީ އީރާނުގެ މަސްރަހާ ގުޅިގެން އެމެރިކާއިން ދެމުންދިޔަ އިންޒާރުތަކަށް ރައްދު ދެއްވައި އޭނާ ދެއްކެވި ވާހަކަފުޅެކެވެ.
ރައީސް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، އީރާނުގައި މުޒާހަރާކުރާ މީހުން މެރުން ހުއްޓާލާފައިވާ ކަމަށާއި، ރޭވިފައިވާ މަރުގެ އަދަބުތައް ތަންފީޒުކުރުން މަޑުޖައްސާލާފައިވާ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އޭނާ ވާހަކަދެއްކެވީ "އަނެއް ފަރާތުގެ ވަރަށް މުހިންމު މަސްދަރުތަކަކާ" ކަމަށާއި، މަސްރަހު ބަދަލުވާ ގޮތް ބައްލަވާނެ ކަމަށެވެ. ނަމަވެސް، އަސްކަރީ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އޮތްކަން އޭނާ މުޅިން ދޮގެއް ނުކުރައްވައެވެ.
މި ބަދަލުތަކާ ގުޅިގެން މުހައްލިލުން ބުނަނީ، ޓްރަމްޕްގެ ރާގު މިހާރު މަޑުވެފައިވާ ކަމަށެވެ. ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސީނިއާ ފެލޯ ސީނާ ތޫސީ ވިދާޅުވީ، މިއީ އަސްކަރީ ކުރިމަތިލުމަކުން ސަލާމަތްވުމަށް ޓްރަމްޕް ބޭނުންކުރައްވާ "މޫނު ސަލާމަތްކުރުމުގެ" އުކުޅަކަށް ވެދާނެ ކަމަށެވެ. ޓްރަމްޕަކީ މީގެ ކުރިންވެސް އީރާނަށް އަސްކަރީ އިންޒާރު ދެއްވަމުން މަޝްވަރާ ކުރައްވާ ބޭފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާއިން މިހާރު ވަނީ ގަތަރުގައި ހުންނަ އެއާބޭސްއަކުން ބައެއް މުވައްޒަފުން އަނބުރާ ގެންދަން ފަށާފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. ސްޓިމްސަން ސެންޓަރުގެ ބާބަރާ ސްލޭވިން ވިދާޅުވީ، ޓްރަމްޕް ބޭނުންފުޅުވަނީ އަވަސް ކާމިޔާބީއެއް ކަމަށާއި، މެދުއިރުމަތީގައި ދިގުލައިގެންދާ ހަނގުރާމައެއްގެ ތެރެއަށް ވަންނަން އޭނާ ބޭނުންފުޅު ނުވާނެ ކަމަށެވެ.