ކުޅިވަރު
ޕެނަލްޓީ ޖަހައިގެން ކާށިދޫ ބަލިކޮށް އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި
އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް އުފުލާލުން / ފޮޓޯ: ވަން ސްޕޯޓްސް
ޕެނަލްޓީ ޖަހައިގެން ކާށިދޫ ބަލިކޮށް، އޭދަފުށިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓުސަލް ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.
އެންމެ ގިނަ ބަޔަކު ޝާމިލުވާގޮތަށް، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓުސަލް މުބާރާތް ފެށުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗަށް އޭދަފުށިން ނިކުތީ 2024ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އަދި ކާށިދޫއަކީ 2025ވަނަ އަހަރުގެ ޗެމްޕިއަނުންނެވެ.
ރެހެންދި ފުޓުސަލް ގްރައުންޑުގައި ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި ދެ ޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ގިނަ ހަމަލާތައް ގޯލާ އަމާޒު ނުކުރެވުމުގެ ނަތީޖާއަށްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0އިން އެއްވަރުވެފައި އޮތުމެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އޭދަފުށީގެ ގޯލްކީޕަރު މުޙައްމަދު ޝާން ވަނީ 3 ޕެންލްޓީ ހިފަހައްޓާފައެވެ. އޭނާއަކީ ސީދާ ޕެނަލްޓީގައި އެ ޓީމުން ބޭނުންކުރި ކީޕަރެކެވެ.
އެހެންކަމުން ކާށިދޫ ޓީމުން 4 ޕެނަލްޓީ ޖެހިއިރު އެ ޓީމަށް ކާމިޔާބުކުރެވުނީ އަޖުލާން އަބްދުލް ޙަންނާން ޖެހި ޕެނަލްޓީ އެކަންޏެވެ. އޭދަފުށި ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ޙުސެއިން ޝަރީފް، ޢަލީ ނައީމް އަދި އުނައިސް ޒުބައިރުއެވެ.
މި މެޗުގައި ވަނީ ވީޑިއޯ ސަޕޯޓު ބޭނުންކޮށްފައެވެ. އެގޮތުން މެޗުގެ ތެރެއިން އެއް ޙާލަތުގައި ރެފްރީ ވަނީ ވީޑިއޯ ބަލައިގެން ނިންމުމެއް ވެސް ނިންމާފައެވެ. އަދި މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްގައި ވީޑިއޯ ސަޕޯޓު ބޭނުންކުރާނެކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު ފެށުމުގެ ގޮތުން ޗެރިޓީ ޝީލްޑް މެޗު ކުޅުނުތާ މިއީ 4 ވަނަ އަހަރެވެ. އަދި މިއީ އޭދަފުށިން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.
ގޯލްޑން ފުޓްސަލް ޗެލެއްޖުގެ މެޗުތައް މިރޭ ފަށާނެއެވެ. މި އަހަރުގެ މުބާރާތުގައި 119 ޓީމަކުން ވާދަކުރެއެވެ. އަތޮޅު ބުރާއި ޒޯން ބުރަށްފަހު ނޮކްއައުޓް ބުރަށް ކޮލިފައިވާގޮތަށް ކުޅޭ މި މުބާރާތް ގާތްގަނޑަކަށް ދޮޅު މަހަށް ދެމިގެން ދާނެއެވެ. އެގޮތުން މުބާރާތުގެ ފައިނަލު ކުޅުމަށް ހަމަޖެހިފައި ވަނީ ފެބުރުއަރީ 14ވަނަ ދުވަހުއެވެ.